ނިމިދިޔަ އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީ ކަނޑުމަތީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި 98 ކިލޯގެ މަސައްތުވާތަކެއްޗާއެކު ހައްޔަރުކުރި ހަތް މީހެއްގެ މައްޗަށް 10 ދަޢުވާއެއް އުފުލައިފިއެވެ.
މިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމުވަނީ، އެ މައްސަލަ އައްޑޫ ސިޓީ ހިތަދޫ ކޯޓަށް ހުށަހަޅާފައިވާކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންނަކީ ދެކުނުގެ އަތޮޅުތަކަށް މަސްތުވާތަކެތި ޓްރެފިކް ކުރާ ބޮޑު ނެޓްވޯކެއްގައި ހަރަކާތްތެރިވާ ބަޔަކުކަމަށް ވިދާޅުވިއެވެ.
ޝަމީމު އިތުރަށް ވިދާޅުވީ، މި މައްސަލަ ތަހުގީގު ކުރެއްވި ފުލުހުންގެ ތަހުގީގު ޓީމުން ހިންގީ ރަނގަޅު ތަހުގީގެއް ކަމަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑްރަގް ޔުނިޓުގެ ބޭފުޅުން، އެ ބޭފުޅުންގެ މަސައްކަތް ފުރިހަމަކޮށްފިކަމަށެވެ. އަދި ދެން އޮތީ ރަނގަޅު ކޭހެއް ކޯޓަށް ހުށަހެޅުންކަމަށް ވިދާޅުވެ ޕީޖީވަނީ އެކަމަށްވެސް ތައްޔާރަށް ތިބިކަމަށް ހާމަކުރައްވާފައެވެ.
އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ. ނަމަވެސް މިކަމުގައި ބައިވެރިވުމެއް ނެތްކަމަށް ތަހުގީގަށް ފާހަގަކުރެވުނު ހަތް މީހަކުވަނީ ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.
ދައުވާ ކުރި މީހުންނާއި ދައުވާގެ ތަފްސީލް
- ޢަބްދުﷲ އިބްރާހީމް (އަބުޗާ) ސ. ހިތަދޫ/ފިނިފަރު - މީނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވޭ. އޭގެ ތެރޭގައި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން އަދޮ ޑައިމޯފިން ޓްރެފިކް ކުރުން ހިމެނޭ. ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވީވެސް މީނާ.
- މުޙައްމަދު ޔާމިން ނަޞީރު ސ.ހިތަދޫ/ކޯޅި - މީނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދެ ދައުވާއެއް. އެއީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން އަދި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ.
- ޢަބްދުﷲ ސަޢީދު (އ) ސ. ހިތަދޫ/ވައިޓްރޯސް - މީނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާ
- ޙުސައިން ސިމާޙު ސ. ހިތަދޫ/މަންދޫބުގެ - މީނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ދައުވާ
- ޙަސަން ޢާމިރު ސ. ހިތަދޫ/ފިނިފަރު - މީނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުން
- ރުޝާން އަޙްމަދުދީދީ ސ. ހިތަދޫ/މަންދޫބުގެ - މީނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ
- ހޫދު ލަޠީފް ސ. ހިތަދޫ/ބްލޫބާރޑް - މީނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމަށް އެހީތެރިވެދިނުމުގެ ދައުވާ