މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލަކު ހަމަޖެއްސުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އިއުލާނެއްގައިވަނީ އެ މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ހުންނަންޖެހޭ އަސާސީ ޝަރުތުކާއި މުސާރައިގެ ތަފްސީލުތައް ހިއްސާކޮށްފައެވެ. އެގޮތުން އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 20،500ރ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި ލިބޭ 15،000ރ. ހިމަނައިގެން، ޖުމްލަ 35،000ރ. ލިބޭނެކަމަށް އިއުލާނުގައިވެއެވެ.
މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މާގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ތެރޭގައިއެ އިދާރާއަށް ކަނޑައަޅާފައިވާ ޒިންމާދާރު އިސްވެރިޔާގެ ހައިސިއްޔަތުން މީޑިއާ ކައުންސިލްގެ މަޤްސަދުތައް ހާސިލްކުރުމަށްޓަކައި ކައުންސިލްގެ ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ކައުންސިލްގެ މަސައްކަތްތަކާއި އިންތިހާބު ކުރެވިފައިވާ ކައުންސިލްގެ ނިންމުންތަކާއި ސިޔާސަތުތަކާ އެއްގޮތަށް ކައުންސިލްގެ އިދާރާ ހިންގުމުގެ އިތުރުން ގިނަ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް ހިމެނެއެވެ.
ސިވިލް ސާރވިސް ކޮމިޝަނުންވަނީ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 20 ޑިސެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ކުރިން އެ ކޮމިޝަނުގެ އިދާރާއަށް ހުށަހެޅުމަށް އެދިފައެވެ.
ދާދިފަހުން މީޑިއާ ކައުންސިލްގެ އިންތިހާބު ބޭއްވުމަށްފަހު، 15 މެމްބަރަކުވަނީ އެ ކައުންސިލަށް އިންތިހާބުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކުން ކުރިމަތިލައިގެން ހޮވުނު ހަތް މެމްބަރަކާއި އާންމުންގެ ތެރެއިން އިންތިހާބުކުރެވުނު ހަ މެމްބަރެކެވެ.