ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުން ޗައިނާގެ ބޭންކުތަކަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެއީ އިތުރުފުޅެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގ ލިޖޮންގ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި މާލިއްޔާއިން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށެވެ. އަދި ދަރަނި އަދާކުރުމުގައި ރާއްޖެއަށް އެއްވެސް ތަސައްލީއެއް ނުދޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެއީ އެ މުއްދަތުގެ ތެރޭގައި ދައުލަތަށް ވަންނަ އާމްދަނީގެ 50 އިންސައްތަ ކަމަށެވެ. ރައީސް ނަޝީދުގެ ޓްވީޓް ނިންމަވާލެއްވީ ކޮވިޑަށްފަހު، ރާއްޖެއަށް "ނޭވާ ލާނެ ޖާގަ" ބޭނުންވާކަމަށް ވިދާޅުވަމުންނެވެ.
ރައީސް ނަޝީދުގެ ޓްވީޓަށް ރައްދުދެއްވަމުން، ޗައިނާގެ ބޭންކުތަކާ ހަވާލާދީ ޗައިނާ ސަފީރު ވިދާޅުވީ ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި 15 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ދައްކަން ނުޖެހޭކަމަށެވެ. އަދި އެކައުންޓް ފޮތް ބެއްލެވުމަށާއި އެ ފައިސާ ބަޖެޓަށް ރައްކާކުރުމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.
މިއީ ޗައިނާއަށް އަދާކުރަންޖެހޭ ދަރަނީގެ މައްސަލައިގައި ރައީސް ނަޝީދާއި ޗައިނާ ސަފީރާ ދެމެދު ބަހުގެ ހަމަލާތައް ބަދަލުކުރެވުނު ފުރަތަމަ ފަހަރެއް ނޫނެވެ. އެގޮތުން ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ރާއްޖެ ޖައްސަން އުޅޭކަމަށް ރައީސް ނަޝީދު ތުހުމަތުކުރެއްވުމުންނާއި، ދަރަނީގެ ހަގީގަތް އޮޅުވާލަން އުޅުއްވާކަމަށް ރައީސް ނަޝީދު ތަފާތު އެކި މަންސަތަކުގައި ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން ޗައިނާ ސަފީރު ރައްދުދެއްވާފައިވެއެވެ.
ދައުލަތުން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ބޭރުގެ ގައުމުތަކަށް ދަރާފައިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް އަދާކުރަންޖެހެނީ ޗައިނާއަށެވެ. އޭގެ ތެރޭގައި ސީދާ ދައުލަތުން އަދާކުރަންޖެހޭ ދަރަންޏާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ ދަރަނީގެ އިތުރުން ބައެއް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ސޮވަރިން ގެރެންޓީ ދަރަނި ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އަދަދު ހުރީ 1.4 ބިލިއަން ޑޮލަރު ނުވަތަ 21.6 ބިލިއަން ރުފިޔާގައެވެ. މިއީ ބޭރުގެ ގައުމުތަކަށް ދަރާފައިވާ ދަރަނީގެ 38 އިންސައްތައެވެ. އަދި ޖީ-20 ޑެޓް ސަސްޕެންޝަންގެ ދަށުން ޗައިނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކުރި ނަމަވެސް، ރާއްޖެއިން ނަގާފައިވާ ބައެއް ކޮމަރޝަލް ލޯންތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ މީގެ ތެރޭގައި ނުހިމެނެއެވެ.