ދިވެހި މަސްވެރިންގެ ހިތުގައި އަޅާ ވޭން އެއްވެސް ބަޔަކަށް އިހުސާސް ނުވެ އޮތުމަކީ މަސްވެރިން އެކަމާ ހިތާމަކުރާ ކަމެއް ކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިފްތިތާހީ ޖަލްސާ ބޭއްވުމަށް ބުރާސްފަތި ދުވަހު ކަންނެލި މަސްވެރިކަންކުރާ 70 މަސް ދޯނީގެ ފަޅުވެރިންނާއެކު ގުޅީ ފަޅުގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މަސްވެރިންނަކީ އާއިލާއާއި ދުރުގައި ކަނޑު މަތީގައި އެތައް ވަގުތުތަކެއް ހޭދަކުރަމުންދާ ހީވާގި ބައެއް ކަމަށެވެ. އެގޮތުން އެހާ ގިނަ ވަގުތު އާއިލާއާއި އަނބިދަރިން ދޫކޮށް މާދުރު ހިސާބެއްގައި އުޅެންޖެހުމަކީ އެއްވެސް މީހެއްގެ ހިތަށް ވެސް ނާރާ ވަރުގެ ވޭންހުރި ކަމެއް ކަމަށެވެ.
މި މޭރުމުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބި، ނުއައުގައި މަސް ކިރުވަންޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދައި ދެއްވުމަށް ބޮޑު ކަންނެލި ޔޫނިއަންގެ ފަރާތުން ސަރުކާރަށް ގޮވާލާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މުޅި ދުނިޔެ ކޮވިޑް-19 ގެ ބިރުވެރިކަމުގައި ވަނިކޮށްވެސް ރާއްޖޭގެ މަސްވެރިން ދެއްކީ ހިތްވަރު ގަދަ ނަމޫނާއެއް ކަމަށާއި އަދި އެ ހާލަތުގައިވެސް ގައުމުގެ އިގްތިސާދު ހަމަޖެއްސުމަށްޓަކައި މަސްވެރިން މަހަށް ނުކުމެ ކޮށްފައި ވަނީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.
އިމްރާން ވިދާޅުވީ، ރާއްޖޭގައި މަސްވެރިން ކުރާ ބުރަ މަސައްކަތުން އެތަކެއް އާއިލާއެއް ހަމަޖެހިގެން މީގެ ކުރިން ދިރިއުޅެމުން އައި ކަމަށާއި ނަމަވެސް މިހާރު މަސް ނުކިރުވި، ހަމަ އަގުގައި މަސް ވިއްކާނެ އިތުރު ދޮރުތަކެއް ހުޅުވިފައި ނެތުމުގެ ސަބަބުން އެ އާއިލާތަކަށް ވެސް އެކަމުގެ އަސަރު ކުރަމުންދާ ކަމަށެވެ. އަދި މަސްވެރި އާއިލާތަކަށް ދިމާވާ މިފަދަ ކަންކަމަކީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވެ ހިތާމަކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން މިފަދަ ދުވަސް ވަރެއްގައި މަހަށް ގޮސްގެން ހޯދި ލާރިން މިގައުމުގެ އިގްތިސާދު ހިންގީ. މުޅި ޓޫރިޒަމް އޮތީ ހުއްޓިފަ. ދުވާލު ލޯބޯ ފިއްސައިގެން އަޅުގަނޑުމެން މަސްވެރިން ކުރި މަސައްކަތުން މިއަދު މިގައުމު ކޮޅަށް މިއޮތީ. ކޮވިޑުގެ ހާލަތުގައި ފުރަބަންދުވެ ހުރިހާ މީހުން އެކި ތަންތަނުގައި ތާށި ވީއިރު، ހަމައެކަނި މަސައްކަތް ކުރެވޭ ބަޔަކީ މަސްވެރިން.
އިމްރާން ވިދާޅުވީ، މީގެ ކުރިން މަސް ބާނައިގެން އަންނަ ދޯނި ފަހަރުން މަސް މާރުކޭޓުގައި މަސް ގަންނަ އަންނަ މީހާއަށް މަސް ވިއްކަނީ ހަމަ އަގުގައި ކަމަށާއި އޭރު މަސް އަގުބޮޑުވެގެން އެކަމާ ޝަކުވާ ކުރާނެ މާގިނަ މީހުން ނޫޅޭ ކަމަށެވެ. ނަމަވެސް މިއަދު ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ދިމާވެފައި ވަނީ އެއަށްވުރެން މާ ހިތްދަތި ގޮތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އިމްރާނު ވިދާޅުވީ ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރުން ކަންނެލި ވިއްކަންޖެހެނީ މަސް ގަންނަ ކުންފުނިތަކުން ބުނާ އަގުގައި ކަމަށާއި އެކަމުގައި މަސްވެރިޔާއަށް އެއްވެސް ހައްގެއް ނޯންނަ ކަމަށެވެ. އަދި އެއީ އެއް ރުފިޔާއަށް ކަމަށް ވިޔަސް މަސްވެރިޔާއަށް ޖެހެނީ މަސް ނުއައުގައި ވިއްކާލަން ކަމަށް އިމްރާނު ވިދާޅުވިއެވެ.
މީގެ ކުރިން މާރުކޭޓަށް މަސް ގަންނަމުންދަނީ އެތަނުގައި މަސް ވިއްކަން ތިބޭ މީހުން ބުނާ އަގަށް. އެކަމަކު މިއަދު ކަންނެލި މަސް ވިއްކަން މިޖެހެނީ ކުންފުންޏަކުން ބުނާ އަގަކަށް. އެވަރިހަ އެއް ރުފިޔާއަށް ވިޔަސް. އެގޮތަށް ވިއްކާ އަޅުގަނޑުމެން ބަނޑުފުރާނަ މުއްތި ކުރަން މިޖެހެނީ. މިއީތޯ އަޅުގަނޑުމެންނަށް ހުރި މިންވަރަކީ. މިއީތޯ އަޅުގަނޑުމެން އުޅެންޖެހޭ ހާލަކީ. ތިބޭފުޅުން ގަބޫލުކުރައްވަންތޯ މިހެންކަން އުޅެންޖެހޭނީ އަޅުގަނޑުމެން އުމުރު ދުވަހު.
އިމްރާނު ވިދާޅުވީ މަސްވެރިންގެ ހައްގުގައި ކޮވިޑް-19 ގެ ހާލަތުގައިވެސް ސަރުކާރުގެ އެކި މުއައްސަސާތަކަށް އެކަމުގެ ކަންބޮޑުވުން ހިއްސާކޮށްފައިވާނެ ކަމަށެވެ. އެގޮތުން މަސް ވިއްކުމަށް ކިއުއެއްގައި މަޑު ކުރަން ޖެހުމާއި، މަހުގެ ހަމަ އަގު ހޯދައި ދިނުމަށާއި، މަސްވެރިންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް ސަރުކާރުގެ އެކި ވުޒާރާތަކުގައި އެދިފައިވާނެ ކަމަށް އިމްރާނު ވިދާޅުވިއެވެ.
އިމްރާނު ވިދާޅުވީ، ކޮވިޑް-19 އާއި ގުޅިގެން ތަފާތު އެކި ވިޔަފާރިތައް ކުރާ ކުންފުނިތަކަށް ސަރުކާރުން ލޯނު ހަމަޖައްސައިދިން އިރު، މަސްވެރިންނަށް އެ އުސޫލުގެ ތެރެއިން ލުއި ލޯނުތައް ލިބޭނެ މަގު ފަހިކޮށްދޭންޖެހޭ ކަމަށެވެ.
ރާއްޖޭގައި މަސައްކަތްކުރާ މަސްވެރިންނަށް މަހުގެ ހަމަ އަގު ނުލިބުމާއި، މަސް ފިނިކުރަން ބޭނުންވާ އައިސް ނުލިބުމުގެ ޝަކުވާއަކީ އެތައް ދުވަހެއް ވަންދެން މަސްވެރިން ދައްކަމުން އަންނަ ވާހަކަތަކެކެވެ. އަދި މި ކަންކަން ހައްލުކުރެވޭނެ ދުވަހެއް ހޯދުމަށް މަސްވެރިން އަންނަނީ ކެނޑިނޭޅި އެއިރެއްގައި އޮންނަ ސަރުކާރަކަށް ވެސް އެކަމުގެ ސުވާލުތައް އަމާޒުކުރަމުންނެވެ. އެއާއެކު މަސްވެރިންނަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތަކަށް ހައްލު ހޯދައިދީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފައެވެ.