މިއަހަރުގެ އޮކްޓޫބަރ މަސް ނިމުނު އިރު ދިވެހި ދައުލަތުގެ އާމްދަނީ އުޅެނީ 12 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ މަންތުލީ ފިސްކަލް ޑިވެލޮޕްމެންޓްސް ދައްކާގޮތުން 2020 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 12,324.7 މިލިއަން ރުފިޔާއެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 19,304.1 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮކްޓޫބަރ މަހު ދައުލަތައް އާމްދަނީގެ ގޮތުގައި ލިބުނީ 835 މިލިއަން ރުފިޔާއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 1,458.5 މިލިއަން ރުފިޔާއަށް ވުރެ 42.8 އިންސައްތައިގެ ދަށްވުމެކެވެ.
އެގޮތުން މިއަހަރުގެ އޮކްޓޫބަރ މަހު ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 697.7 މިލިއަން ރުފިޔާ ލިބިފައިވާއިރު، ނަން-ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 95.6 މިލިއަން ރުފިޔާ އެވެ. އަދި ކެޕިޓަލް ރިސީޕްޓްސްގެ ގޮތުގައި ހަ ލައްކަ ރުފިޔާ ލިބިފައިވާއިރު، ގްރާންޓްސްގެ ގޮތުގައި ލިބިފައި ވަނީ 41.1 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދަށް ބަލާލާއިރު، އޮކްޓޫބަރ މަހުގެ ނިޔަލަށް ދައުލަތުން ވަނީ 22,090.5 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ދައުލަތުން ހަރަދުކޮށްފައި ވަނީ 22,560.1 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ އޮކްޓޫބަރ މަހު ދައުލަތުން 2,059.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ފާއިތުވި އަހަރުގެ މި މަހުގައި ދައުލަތުން ހަރަދުކޮށްފައި ވަނީ 2,793 މިލިއަން ރުފިޔާ އެވެ. އެގޮތުން ރިކަރެންޓް އެކްސްޕެންޑިޗަރގެ ގޮތުގައި 1,561.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ކެޕިޓަލް އެކްސްޕެންޑިޗަރގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 497.5 މިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު އަސަރެއް ކޮށްފައިވާއިރު، ދައުލަތުގެ އާމްދަނީ ބޮޑުތަނުން ދަށްވެފައިވަނީ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށަށް ދިއުމާއި ގުޅިގެންނެވެ.