ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށާއި، ރާއްޖޭގެ އެކްސްޕޯޓަށް، މިހާތަނަށް ފުރުސަތު ފަހިވެފައި ނެތް، އައު ދޮރުތައް ހުޅުވުމުގެ ޚާއްސަ މަސައްކަތްތަކެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން، މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން، ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް އެކްސްޕޯޓުކުރާ ބޮޑު ކަންނެލިން މިހާރު ނަގަމުންގެންދާ ޑިއުޓީގެ މިންވަރު ކުޑަކުރުމަށްވެސް، ރާއްޖޭގެ ޚާރިޖީ ވުޒާރާ މެދުވެރިކޮށް، ދިވެހި ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.
ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓަރިވިއުއެއްގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ވިދާޅުވެ ދެއްވި ގޮތުގައި، ދުނިޔެއަށް ކުރިމަތިވި ކޮވިޑު19ގެ ބަލިމަޑުކަމުގައި، ދުނިޔޭގެ ބޯޑަރުތައް، ތަޅުލަންދެންވެސް، ޔޫރަޕިއަން ޔޫނިއަނާއެކު، މިކަމުގައި ރާއްޖެއިން ގެންދިޔައީ ވާހަކަ ދައްކަމުންނެވެ. އެހެން ކަމުން އެއީ މިހާރުވެސް އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ކަމެކެވެ.
"މަސްވެރިކަމުގެ މުޅި ސިނާއަތަށް ދިރުން ގެނެސްދޭން، ޔޫރަޕު ނޫން ގައުމުތަކާއެކުވެސް ވާހަކަ ދައްކަމުން ގެންދަނީ." ރާއްޖެ ޓީވީއަށް ޚާރިޖީވަޒީރު ޝާހިދު، ވިދާޅުވެ ދެއްވިއެވެ.
އެމަނިކުފާނު ހާމަކުރެއްވި ގޮތުގައި، ރަޝިއާއި، ޗައިނާއާއި، މެދުއިރުމަތީގެ މާރކެޓުތައްފަދަ، އައު ދިމަދިމާލަށް، ރާއްޖޭގެ އެކްސްޕޯޓު ފުޅާކުރުމުގެ މަސައްކަތް ކުރެވެމުން އެބަ ދެއެވެ. ކޮވިޑު19ގެ މި ދަތި ވަގުތުގައިވެސް، "ވާރޗުއަލްކޮށް، މިދެންނެވި ގައުމުތަކުގެ ރަސްމީ އިދާރާތަކާއި އަދި ކަމާބެހޭ ފަރާތްތަކާއެކު، ރާއްޖެއިން އަންނަނީ މިކަމުގައި މަސައްކަތް ކުރަމުންނެވެ.
މިދެންނެވި މަސައްކަތް ތަކުގެ ތެރެއިން، އެމަނިކުފާނު ފާހަގަ ކުރެއްވި އެއް މިސާލަކީ، ރަޝިއާއަށް، ރާއްޖެއިން މަސް އެކްސްޕޯޓު ކުރުމަށް، މި ސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތަށެވެ. ރަޝިއާއާއިއެކު، މިދެންނެވި އައު ދޮރު ހުޅުވުމަށްޓަކައި، އެމަނިކުފާނުވަނީ، ރަޝިއާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ. މި ދަތުރުފުޅު ވެގެން ގޮސްފައިވަނީ، ރާއްޖޭގެ ޚާރިޖީ ވަޒީރަކު، މިހާތަނަށް ރަޝިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.
މިދެންނެވި ދަތުރުފުޅުގައި، ރަޝިއާއަށް މަސް އެކްސްޕޯޓުކުރަން ދެކެވުނު ރަސްމީ ވާހަކަފުޅާއި ގުޅިގެން ރަޝިއާގެ ވަފްދެއް، ދެފަހަރެއްގެ މަތިން، މިހާރު ރާއްޖެއަށް ވަނީ ޒިޔާރަތްކޮށް، މި މަސައްކަތް ފެށުމަށްޓަކައި މަސައްކަތް ފަށާފައެވެ. ކޯވިޑު19ގައި، ދެގައުމުގެ ބޯޑަރު ބަންދުވުމާއި ހަމައަށް ކުރެވެމުންދިޔަ މަސައްކަތް، ބޯޑަރުތައް ހުޅުވުމާއެކު، އަލުން ފެށޭނެކަމަށް ޚާރިޖީ ވުޒާރާއިން ދެކެއެވެ.
ރާއްޖޭގެ އެކްސްޕޯޓަށް އައު ދޮރުތައް ހުޅުވުމަށް، ރައީސް ސާލިޙުގެ ސަރުކާރުން، މަސައްކަތް ފަށައިފައިވާއިރު، ރާއްޖޭގެ މަސްވެރިކަން ޒަމާނީކޮށް ފުޅާކޮށް، ވާދަވެރި މާކެޓުތަކަށް، މަސްވެރިކަން ހުޅުވާލުމުގެ ފުރުސަތު، ފަހިކޮށްދޭ، މަސްވެރިކަމާބެހޭ އައު ގާނޫނުވެސް، އެމަނިކުފާނުވަނީ ތަސްދީޤު ކުރައްވައިފައެވެ. މި ގާނޫނާއި ގުޅިގެން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސްވެރިކަމަށް އިތުރު ފުރުސަތުތައް، ކައުންސިލްތަކާ ހަމައިންވެސް ފުޅާކުރުމުގެ ޖާގަވަނީ ހޯދައި ދީފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ އެކްސްޕޯޓު އިތުރުކުރުމުގެ ގޮތުން، ރާއްޖެއަށް ބާނާމަސް ރައްކާކުރެވެން މިހާރު ހުރި ޖާގަ އެތައް ގުނައަކަށް ފުޅާކޮށް، މަސްވެރިން ބާނާމަސް ކިިރޭނެ ޖާގަ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އައިސް ލިބުންފަދަ އެތައް ކަމެއްގެ ފަސޭހަތައް ފަހިކޮށްދިނުމުގެ އައު މަސައްކަތްތަކެއްވެސް ގެންދަނީ ކުރަމުންނެވެ. އެހެން ކަމުން ކުރިމަގުގައި ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ބާވަތްތައް އިތުރުވެގެން އަންނާނެއެވެ. އޭގެ ތެރޭގައި ވެލިއު އެޑެޑް ބާވަތްތައް އިތުރުކުރަން ގާއިމްކުރަންޖެހޭ އިންފްރާސްޓްރަކްޗަރ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ގާއިމްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ޢިޝާރާތް ކުރެއްވި، ރަޝިއާ އާއި ޗައިނާއާއި މެދުއިރުމަތީގެ ގައުމުތަކަށް، ރާއްޖެއިން މަސް އެކްސްޕޯޓު ކުރުމުގެ ދޮރުތައް ހުޅުވާލަދިނުމުގެ ފުރުސަތު ފަހިވެގެން އަންނަ އިރު، ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށް، އެކްސްޕޯޓުކުރާ ބޮޑުކަންނެލިން، މިހާރު ނަގަމުން އަންނަ ޑިއުޓީއަށް ލުޔެއް ލިބުން ވެގެންދާނީ، އެކަމުގެ ސަބަބުން، މަސްވެރިންގެ އަތުން މިހާރު މަސްގަންނަ އަގަށާއި، މަސް އެކްސްޕޯޓުން ލިބޭ ނަފާއަށްވެސް، އޭގެ ހެޔޮ އަސަރު ކުރާނެ ކަމަކަށެވެ.