ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޕަރސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލްކަމެއް ލިބިފައިވާ ލުއި އެކްސްޕްރެސް ލޯނުގެ ރޭޓް ވަނީ 15 އިންސައްތައަށް ކުޑަކޮށްފައެވެ. ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެއެވެ. މީގެ އިތުރުން ގަވާއިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ ރޭޓް ވެސް ވަނީ 12 އިންސައްތައަށް ކުޑަކޮށްފައެވެ.
ބީއެމްއެލްގެ ޑިރެކްޓަރ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ އާންމުކުރެވުނު ބަދަލުތަކަށް ބަލާއިރު އަގުތައް 15 އިންސައްތައަށް ކުޑަކުރެވި، ބޭންކުގެ ލޯނު ޕޯރޓްފޯލިއޯއަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވެއެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ. އޭގެ އިތުރުން ބީއެމްއެލް އިސްލާމިކްގެ ޕޯރޓްފޯލިއޯގެ ރޭޓްތައްވެސް އެއް ނިސްބަތަކުން ދަށްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ބޭންކުން ހާމަކުރާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.