ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމަކާ ނުލައި ގދ. ނަޑެއްލާގައި އިންޖީނުގެ އެޅުމުގެ މަސައްކަތް ފަށާފައިވުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ކުރިއަށްގެންދާ ނަޑެއްލާ އިންޖީނުގެ މިހާރު ހުރި ސަރަހައްދުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢު 'ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާއި ބެހޭ ގަވާއިދާއި ޚިލާފަށް، މަސައްކަތް ފެށުމުގެ ކުރިން މިއެޖެންސީއިން ނަގަންޖެހޭ ހުއްދަތައް ނުނަގައި މަސައްކަތް ފަށާފައިވާކަމަށެވެ.
އަދި އެކުންފުނީގެ ފަރާތުން އެ އެޖެންސީއަށް އެކަން ޔަޤީންކޮށްދެއްވާފައިވާތީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012ގެ 20 ވަނަ މާއްދާގެ (ހ) އަދި "ތިމާވެއްޓަށްދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ޖަދުވަލު 5 ރިޢާޔަތްކޮށް ޖުމްލަ 263,750.00 (ދެލައްކަ ފަސްދޮޅަސް ތިން ހާސް ހަތް ސަތޭކަ ފަންސާސް) ދިވެހިރުފިޔާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނި ޖޫރިމަނާ ކުރީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ބުނީ ޖޫރިމަނާ ފައިސާ އެ އެޖެންސީއަށް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށެވެ. އަދި މިއީ 'ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާޢިދު 2012' އާއި ޚިލާފުވެގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ޖޫރިމަނާ ކުރި 6 ވަނަ ފަހަރުކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ބުނެއެވެ.