2050 ވަނަ އަހަރުގެ ކުރިން ޖަޕާނަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ނިންމައިފިއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ 2050 ވަނަ އަހަރުގެ ކުރިން އެ ގައުމުން ގްރީން ހައުސް ގޭސް ބޭރު ކުރާ މިންވަރު އެއްކޮށް މަދުކޮށް އެ ގައުމަކީ ކާބަން ނިއުޓްރަލް ގައުމަކަށް ހަދާނެ ކަމަށެވެ.
ކޯލް (ބޯޓު ދެލި) ފަދަ މާއްދާތައް ބޮޑު އަދަދަކުން ބޭނުން ކުރާ ޖަޕާން ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް މަސައްކަތްތައް ބައްޓަން ކުރާނެ ގޮތް އޭނާ ހާމަ ކުރައްވާފައި ނުވާއިރު އޭނާ ވިދާޅުވީ މިކަން ކުރަން ނިންމާފައި ވަނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށެވެ.
އެގޮތުން އެންމެ ބޮޑަށް ބަރޯސާ ވުމަށް ހަމަޖެހިފައި ވަނީ ސޯލާ ބެޓެރި ފަދަ ތަކެއްޗަށެވެ. މިއީ އިޔާދަ ކުރަނިވި ހަކަތައިގެ ވަސީލަތެކެވެ. އަދި މިއީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކަކަށް ވީއިރު ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށްޓަކާ މިފަދަ ވަސީލަތްތަކުގެ ބޭނުން ދަނީ އިތުރު ވަމުންނެވެ.
އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ ގައުމުތަކުގެ ހަވަނައަށް ޖަޕާނު ވަނީ އައިސްފައެވެ. މި ލިސްޓުގެ އެއްވަނައިގައި ވަނީ ޗައިނާއެވެ. ނަމަވެސް ޗައިނާއިން ވެސް ބުނީ 2060 ވަނަ އަހަރުގެ ކުރިން އެ ގައުމަކީ ވެސް ކާބަން ނިއުޓްރަލް ގައުމަކަށް ހަދަން ހަމަޖެހިފައިވާ ކަމަށެވެ.