އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާން 9 ދުވަހަށް ވެފައި ވަނިކޮށް އެމެރިކާގެ ކޮވިޑް-19 ހާލަތު އިތުރަށް ގޯސްވެއްޖެއެވެ.
އެގޮތުން ހުކުރު ދުވަހަކީ ކޮވިޑް-19 ފެތުރެން ފެށި ފަހުން އެއް ދުވަސް ތެރޭގައި އެމެރިކާއިން އެންމެ ގިނަ ބަޔަކަށް މި ބަލި ޖެހިގެން ރިޕޯޓް ކުރެވުނު ދުވަހެވެ.
ތަފާސް ބަލަހައްޓާ ވޯލްޑްމީޓަރސް.ކޮމް އިން ދައްކާ ގޮތުގައި ހުކުރުދުވަހު އެމެރިކާ 81،210 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި އަދަދާ އެކު އެ ގައުމުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ އަށް މިލިއަނަށް އަރާފައެވެ. ކުރިން އެމެރިކާގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެ ރިޕޯޓް ކޮށްފައި ވަނީ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހު 77،362 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
އެމެރިކާގެ ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު ހުކުރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބަހުސްގައި ވާހަކަ ދައްކަވަމުން ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ އިތުރު ލޮކްޑައުނަކަށް ގޮސްގެން ވިޔަސް ކޮވިޑްގެ ހާލަތަށް ހައްލެއް ގެނައުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ކަންކަމާ ދެކޮޅު ހައްދަވާފައެވެ.
އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރު ވަމުން އަންނައިރު އެމެރިކާގެ ހޮސްޕިޓަލްތަކުގެ ޖާގަތައް ވެސް އަންނަނީ މިހާރު ފުރެމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބައެއް ހޮސްޕިޓަލްތަކުގެ ބެޑް ކެޕޭސިޓީގެ 90 އިންސައްތަ ވަނީ ފުރިފައެވެ. އެގޮތުން އޮކްޓޯބަރ މަހުގެ ކުރީކޮޅާ އަޅާ ބަލާއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދަށް ވުރެ މިހާރު އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު 35 އިންސައްތަ އިތުރެވެ.