ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލެވޭ ގޮތަށް ރައީސަށް ބާރުތަކެއް ދިނުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މި ބާރުތައް ދިނުމަށް ލަންކާގެ މަޖިލީހުން ބުރާސްފަތި ދުވަހު ފާސް ކޮށްފައި ވަނީ ދެ ދުވަހުގެ ބަހުސަކަށް ފަހުއެވެ. މި ބަހުސްގައި ލަންކާގެ އިދިކޮޅު ފަރާތްތަކުން ވަނީ އެ ގައުމުގެ ރައީސް ގޯޓަބަޔަ ރާޖަޕަކްސައަކީ ޑިކްޓޭޓަރެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.
ގޯޓާބަޔަ ރާޖަޕަކްސަ ރައީސް ކަމަށް ހޮވިވަޑައިގެންނެވީ ނޮވެމްބަރު މަހުއެވެ. ރައީސް ކަމާ ހަވާލު ވުމަށް ފަހު އެ ގައުމުގެ ބޮޑު ވަޒީރުކަން ހަވާލުކުރެއްވީ ލަންކާގެ ކުރީގެ ރައީސް އަދި އެ މަނިކުފާނުގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސައާއެވެ.
ވެރިކަން ކުރާ ޕާޓީ އެސްއެލްޕީޕީގެ މެމްބަރަކު މި އިސްލާހާއި ދެކޮޅަށް ވޯޓު ދިން ކަމުގައިވީ ނަމަވެސް އިދިކޮޅުގެ 8 މެމްބަރަކު ވަނީ މި އިސްލާހަށް ތާއީދުކޮށް ވޯޓުދެއްވާފައެވެ. ގާނޫނު އަސާސީއަށް މި އިސްލާހު ގެނައުމަށް ބޭނުންވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިން ބައިކުޅެ ދެބައި އަގުލަބިއްޔަތެކެވެ.
ގެނެވުނު އިސްލާހުތަކާއި އެކު ބޮޑުވަޒީރު ވެސް ހިމެނޭ ގޮތަށް ވަޒީރުން މަގާމުން ވަކި ކުރުމާއި ވެރިކަމަށް ދެ އަހަރު ބައި ފަހުން ގާނޫނު ހަދާ މަޖިލީސް އުވާލުމުގެ ބާރު ގޯޓާބަޔައަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި މަތީ ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމުގެ ބާރުވެސް ލިބިގެން ދާނެއެވެ.
މި މަގާމުތަކަށް މީހުން އައްޔަނު ކުރަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ޕެނަލަކުން ކަމަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.