އެމެރިކާގެ ރިޔާސީ އިންތިހާބު ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ފަހު ބަހުސް ބާއްވައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ބޭއްވެވި އެންމެ ފަހު ޓީވީ ބަހުސްގައި އެކި މައްސަލަތަކުގައި ބަހުގެ ހޫނު ހަމަލާތަކެއް ރޭ ބަދަލު ކޮށްފައި ވެއެވެ. އެންމެ ފަހުން ސެޕްޓެމްބަރު 29 ގައި ބޭއްވި ބަހުސްއާ ޚިލާފަށް ޓެނެސީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބަހުސްގައި ބަހުގެ ހަމަލާތައްދީ ނިޒާމް ގެއްލުވާލުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
މި ބަހުސްގައި ކޮވިޑްއާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބައިޑަން ވިދާޅުވީ އިތުރު ލޮކްޑައުނަކަށް ގޮސްގެން ވިޔަސް އެކަން ހައްލު ކުރަން ތައްޔާރަށް ހުންނެވި ކަމަށެ މިއާ ހިލާފަށް ޓްރަމްޕް ވިދާޅުވީ މިއީ އެމެރިކާގެ އިގްތިސާދު ހުޅުވާލަންވީ ވަގުތު ކަމަށެވެ. ނަމަވެސް، ބައިޑަން ވިދާޅުވީ ކޮވިޑްގައި އެމެރިކާއިން މަރުވި މީހުންގެ ޒިންމާ ޓްރަމްޕް އުފުއްލަވަން ޖެހޭނެ ކަމަށާއި އެކަމުގެ ޒިންމާ ނުނެންގެވޭ ނަމަ މަގާމުގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ބަހުސްގައި ނަސްލީ ތަފާތު ކުރުމާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމުން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނަކީ ނަސްލީ ތަފާތު ކުރުން އެންމެ ކުޑަބޭފުޅާ ކަމަށާއި އަދި އެއްވެސް ވަރަކަށް ނަސްލީ ތަފާތު ކުރުންތައް ނުގެން ގުޅުއްވާ ކަމަށެވެ. ޓްރަމްޕްގެ މި ޖަވާބަށް ރައްދެއްގެ ގޮތުގައި ބައިޑަން ވިދާޅުވީ ޓްރަމްޕަކީ އެމެރިކާގެ މުޅި ތާރީޚުގައި ވެސް ނަސްލީ ތަފާތުކުރުން އެންމެ ބޮޑު ރައީސް ކަމަށެވެ.
އިންތިޚާބަށް 11 ދުވަހަށް ވެފައިވާ އިރު ޚިޔާލު ހޯދުންތަކުން ދައްކަނީ ބައިޑަން ކުރީގައި އުޅުއްވާ ކަމަށެވެ. އެގޮތުން ބަހުސް ކުރިއަށް ދިޔަވަގުތު ސީއެންއެންއިން ބޭއްވި ޕޯލްއެއްގައި ވެސް ބައިޑަން އުޅުއްވަނީ ކުރީގައެވެ. އެ ޕޯލްއިން ދައްކާ ގޮތުގައި 53 އިންސައްތަ ވޯޓް ލިބިވަޑައިގެންނެވީ ބައިޑަންއަށެވެ. ޓްރަމްޕްއަށް ލިބިވަޑައިގެންނެވީ އެންމެ 39 އިންސައްތަ ވޯޓެވެ.
އަދަދުތައް މިހެން ހުރި ނަމަވެސް ފަހު ވަގުތުގައި ވެސް ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ތަޖްރިބާކާރުން ބުނެއެވެ. ނޮވެމްބަރު މަހުގެ 3 ގައި އިންތިހާބު އޮތް ނަމަވެސް، އަރލީ މެއިލް އިން ބެލޮޓްސްގެ ގޮތުގައި މިހާތަނަށް 47 މިލިއަން މީހުން ވަނީ ވޯޓުލާ ނިންމާފައެވެ.