ފަރަންސޭސްވިލާތުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އަހަރުގެ ފެބްރުއަރީގެ މެދެއްހާ ތަނާއި ހަމައަށް އިތުރު ކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސަރުކާރުގެ ތަރުޖަމާން ގެބްރިއަލް އެޓަލް ވިދާޅުވެފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 އާ ހަމައަށް އެ ގައުމުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލަން ނިންމާފައިވާ ކަމަށެވެ.
ފަރަންސޭސްވިލާތުގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލަން ނިންމާފައި މިވަނީ އެ ގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކާއި ގާތްކޮށްފައި ވަނިކޮށެވެ. މިހާރު ވެސް ވެރިކަން ކުރާ ސިޓީ ޕެރިސް އަދި އިތުރު އަށް ސިޓީ އެއްގައި ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް ވަނީ ކާފިއު އިއުލާންކޮށްފައެވެ.
ކޮވިޑް-19 ގެ ސަބަބުން ފަރަންސޭސްވިލާތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ އިރު، ހުކުރު ދުވަހު އެކަނި ވެސް އެ ގައުމުން 30،000 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.
މިއީ މި ޕެންޑަމިކް ފެށުނު ފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސް ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ގައުމުގެ ހޮސްޕިޓަލްތަކުގެ އިމަރޖެންސީ އެނދުތައް ވެސް ފުރެމުން އަންނަ ކަމަށް އެޓަލްއާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
ބައެއް ސިޓީތަކުގެ ހޮސްޕިޓަލްތައް އިމަޖެންސީ މޯޑަށް ބަދަލު ކޮށް ސްޓާފުންގެ ޗުއްޓީ ކެންސަލް ކުރުމުގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ފަރުވާ ދޭން ޖެހޭ ބަލިމީހުންގެ ފަރުވާތައް ފިޔަވާ އެހެން އޮޕަރޭޝަންތައް ފަސްކުރަމުންދާ ކަމަށެވެ.
މިހާތަނަށް އެ ގައުމަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 973،000 އަށް އަރާފައެވެ. އަދި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 34000 އަށް އަރާފައެވެ.