ފިޖީގެ ހޮޓަލެއްގެ ތެރޭގައި ޗައިނާގެ ދެ ޑިޕްލޮމެޓުންވެގެން، ރިސެޕްޝަނު ގައި ހިންގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަން އުޅުނު ޓައިވާންގެ ޑިޕްލޮމެޓަކަށް އަނިޔާވެ ހޮސްޕިޓުލަގައި ފަރުވާދޭން ޖެހުނު ކަމަށް ޓައިވާނުން ބުނެފިއެވެ.
ޓައިވާންގެ ފޮރިން މިނިސްޓްރީން ބުނީ، އެ ހާދިސާ ހިނގާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގެރޭ، ފިޖީ ގައި ހުންނަ ޓައިވާންގެ ރެޕްރެޒެންޓޭޓިވް އޮފީހުން އިންތިޒާމް ކޮށްގެން އެ ގައުމުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާއެއްގެ ތެރޭގައި ކަމަށެވެ.
އެ ހަފްލާ ކުރިޔަށް ދަނިކޮށް ޗައިނާގެ ދެ ޑިޕްލޮމެޓަކު އެ ސަރަހައްދަށް ވަދެ ފޮޓޯ ނަގައި ހަފްލާ އަށް ހާޒިރީ ބަލަން މަސައްކަތް ކޮށްފައިވާ ކަމަށް ޓައިވާންގެ ފޮރިން މިނިސްޓްރީން ބުންޏެވެ. އެ ދެ ޑިޕޮލޮމެޓުން ގަދަކަމުން ވަންނަން އުޅުމުން އެކަން ހުއްޓުވަން މަސައްކަތްކުރި ޓައިވާނެ ޑިޕްލޮމޭޓުގެ ބޮލަށް އަނިޔާވެ އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާދިން ކަމަށް ބުންޏެވެ.
މި ވާހަކަތައް ފިޖީ ގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ދޮގުކޮށްފައެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް ފިޖީގެ ފުލުހުން ގާތު އެދިފައިވާ ކަމަށްވެސް އެމްބަސީއާ ހަވާލާދީ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.