ބެލްޖިއަމުން ކޮވިޑް-19 އަށް ޕޮޒިޓިވްވަމުން އަންނަ އަދަދު އިތުރުވަމުން އަންނަ ކަމަށާއި، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާ އިން ބުނެފިއެވެ.
ދާދިފަހުން ބެލްޖިއަމްގެ ސިއްހަތާއި ބެހޭ ވަޒީރު ފްރޭންކް ވެންޑަންބާކާ ވިދާޅުވީ ބެލްޖިއަމުން ކޮވިޑްގެ ކޭސްތައް ފެންނަމުން އަންނަ އަދަދު އިތުރު ވަމުން އަންނަ ކަމަށާއި، އެގޮތުން މި ހާލަތު ސުނާމީއަކާއި އެއްފަދަ ކަމަށް އޭނާ ވިދާޅުވިއެވެ. ފްރޭންކް އިތުރަށް ވިދާޅުވީ މިހާރު މި އޮތް ހާލަތުން ކަމާބެހޭ ފަރާތްތަކުން ގޮތް ހުސްވެފައިވާ ކަމަށާއި، ކޮވިޑު ފެތުރުން ހުއްޓުވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ކުރިޔަށް އޮތް ހަފްތާ އެއްގެ ތެރޭގައި ހަރުކަށި ކުރާނެ ކަމަށެވެ.
ފްރޭންކް މިހެން ވިދާޅުވިއިރު ބެލްޖިއަމްގެ ރެސްޓޯރެންޓްތައް އަދި އާންމުން އެއްވާ ޕާކް ފަދަ ތަންތަން ވަނީ ކުރިޔަށް އޮތް ހަތަރު ހަފްތާއަށް ބަންދު ކޮށްފައެވެ.
ބެލްޖިއަމް އަކީ މިއަހަރުގެ ކުރީ ކޮޅު ކޮވިޑް ޔޫރަޕުން ފެނުނުއިރު އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމެވެ. އެކަމަކު އެ ގައުމުން އެޅި ހަރުކަށި ފިޔަވަޅުތަކާއިއެކު ކޮވިޑްގެ ކޭސްތަކުގެ އަދަދު ވަނީ މަދުވެފައެވެ.
ބެލްޖިއަމުން ވަނީ ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމާއިއެކު އެ ގައުމުގައި ކާފިއުގެ ވަގުތު ވެސް އިއުލާން ކޮށްފައެވެ. އެގޮތުން ހަވީރު 05:00ން ހެދުނު 06:00ށް މަގުމައްޗަށް މީހުން ނުކުތުން ވަނީ މަނާ ކޮށްފައެވެ.
ސިއްހަތާއި ބެހޭ ވަޒީރު ފްރޭންކް ވިދާޅުވީ މިހާރު މިއޮތް ހާލަތު އިތުރަށް ގޯސްވެއްޖެނަމަ އިތުރު ލޮކްޑައުނަކަށް ދާން ޖެހިދާނެ ކަމަށެވެ. އަދި ބެލްޖިއަމްގެ ސަރުކާރުން އިތުރު ލޮކްޑައުންނަކަށް ދާން ބޭނުން ނުވާ ކަމަށެވެ. ސަބަބަކީ އިގްތިސާދީ ގޮތުން ގައުމަށް ބޮޑުތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެތީ އެވެ.
ބެލްޖިއަމުން ފާއިތުވެދިޔަ 24 ގަޑިއިރު އެކަނި ވެސް ކޮވިޑަށް 9،138 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭގައި މި ބަލީގައި އެ ގައުމުން 21 މީހުން ވަނީ މަރުވެފައެވެ.
ބެލްޖިއަމަކީ މުޅި ދުނިޔެއިން 27 ވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 222،253 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި 10،413 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.