އިޓަލީގައި ކުއްލި ގޮތަކަށް ކޮވިޑް ކޭސްތައް އިތުރުވުމާއެކު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމައިފިއެވެ.
އެގައުމުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ބޮޑުވަޒީރު މިނިސްޓަރ ކޮންޓޭ ވިދާޅުވީ މި ވަގުތަކީ އިތުރު ލޮކްޑައުން އަކަށް ދެވޭނެ ވަގުތެއް ނޫން ކަމަށެވެ. އަދި ލޮކްޑައުން އަކަށް ގައުމު ދިޔުމުގެ ކުރިން ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ތިބީ ރައްޔިތުންނާ އެކުގައި ކަމަށެވެ. ނަމަވެސް ރައްޔިތުން ވެސް ރައްޔިތުންގެ ފަރުދީ ޒިންމާތައް މިވަގުތުގައި އަދާ ކުރަން ޖެހޭނެ ކަމަށެވެ. އަދި އެންމެ ރައްކާތެރި ފިޔަވަޅުތަކަކީ އެންމެ ކުދި ކަންކަން ކަމުގައެވެ. އެގޮތުން މާސްކު އެޅުމާ އިޖްތިމާއީ ގައިދުރުކަން ގާއިމް ކުރުން ފަދަ ކަންކަމަށް އަދިވެސް ބޮޑަށް މީހުން އަހުލުވެރިވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.
އަލަށް އެޅިގެންދާ ފިޔަވަޅު ތަކާއެކު ރޭގަނޑު 9ގެ ފަހުން މޭޔަރުންނަށް އާއްމުން އެއްވެ އުޅޭ ސަރަހައްދުތައް ބަންދު ކުރުމުގެ ބާރު ލިބިގެން ދާނެއެވެ. އަދި ނިކުމެ އުޅޭ މީހުންގެ އަދަދު ކޮންޓްރޯލް ކުރެވި ރެސްޓޯރެންޓުތައް ހުޅުވާ އަދި ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނެވިގެން ދާނެއެވެ.
އިޓަލީއިން އާދިއްތަ ދުވަހު އެކަނިވެސް 11،705 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މިއީ ރިކޯޑް އަދަދަކަށް އެ ގައުމުގައި ކޮވިޑް ކޭސް ރިޕޯޓު ކުރެވުނު ދުވަހަކަށް ވެފައިވާއިރު ހޮނިހިރު ދުވަހު ވަނީ 10،925 މީހުންނަށް ކޮވިޑް ޖެހިފައެވެ. އެގައުމުނއ މިހާތަނަށް 414،000 (ހަތަރު ލައްކަ ސާދަ ހާސް) މީހުންނަށް ކޮވިޑް ވަނީ ޖެހިފައެވެ. އަދި ޖުމްލަ 36،500 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.