އޮސްޓްރިއާގެ ފޮރިންގ މިނިސްޓަރު އެލެކްޒެންޑަރ ޝެލެންބަރގްއަށް ކޮވިޑް ޖެހިއްޖެއެވެ.
ޝެލެންބަރގް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަން ހާމަކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. ޝެލެންބަރގް ބައްޔަށް ޕޮޒިޓިވްވެފައިވަނީ އީޔޫގެ ފޮރިން އެފެއަރޒް ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހުއެވެ.
މި ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި ބެލްގިއަމްގެ ފޮރިން މިނިސްޓަރު ސޯފީ ވިލްމްސްގެ ފުށުން ކޮވިޑްގެ އަލާމާތްތަކެއް ފެނިގެން އެ ކަމަނާ ވެސް ވަނީ ސެލްފް އައިސޮލޭޝަންއަށް ވަޑައިގެންފައެވެ. ޝެލެންބަރގް ބަޔަށް ޕޮޒިޓިވެފައިވާއިރު، އޮސްޓްރިއާ ކެބިނެޓްގެ ހުރިހާ މެމްބަރުން ކޮވިޑަށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ.
އޮސްޓްރިއާއަކީ އާބާދީއަށް ބަލާއިރު ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު އެންމެ ބޮޑަށް ބަލި ފެތުރަނުދީ ކޮންޓްރޯލް ކޮށްފައިވާ ގައުމެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.