ޗައިނާގެ އިރުމަތީ ޒެޖާންގ ޕްރޮވިންސްގެ ޖިއަކްސިންގ ސިޓީގެ އާންމު ރައްޔިތުންނަށް ސިނޯވެކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ވިއްކަން ނިންމާފައިވާ ކަމަށް އެސިޓީން ބުނެފިއެވެ.
މިވެކްސިންގެ ޑޯޒެއް ވިއްކަމުން އަންނަނީ 30 ޑޮލަރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖިއަކްސިންގ ގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ހައި ރިސްކް ކެޓަގަރީގައި ތިބި މީހުންނަށާއި ފްރޮންޓްލައިން ގައި މަސައްކަތްކުރާ މީހުންނަށެވެ.
މިކަމާއި ގުޅިގެން ސިނޯވެކުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން އަވަހަށް ވެކްސިން ބޭނުންވާ މީހުންނަށް ވެކްސިން ހޯދުމަށް އެދެވޭނެއެވެ.
ޗައިނާއިން އަންނަނީ އެމަރޖެންސީ ޕްރޮގްރާމެއްގެ ދަށުން އެގައުމުގައި އުފައްދަމުން އަންނަ ވެކްސިން މިއަހަރުގެ ޖުލައި މަހުން ފެށިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ދެމުންނެވެ. ނަމަވެސް މިއީ އެގައުމުގެ ސަރުކާރުން އާންމު ރައްޔިތުންނަށް ވެކްސިން ލިބޭނެކަން ހާމަކުރި ފުރަތަމަ ފަހަރެވެ.
ސިނޯވެކްގެ ވެކްސިން އާންމު ރައްޔިތުންނަށް ވިއްކަން ފެށިކަން ހާމަކޮށްފައިމިވަނީ މީގެކުރިން ޗައިނާ ސަރުކާރުން ތިން ހަފްތާއެއްހާ ތެރޭގައި އާންމު ރައްޔިތުންނަށް ވެކްސިން ލިބޭނެކަން ހާމަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. ވެކްސިންގެ އެންމެ ފަހު ޓްރެއަލް ޓެސްޓްތައް ކުރަމުންދާއިރު ވެކްސިންގެ ދެ ޑޯޒް ދޭނެކަމަށް ޖިއަކްސިންގ ގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ ބުނެފައެވެ.
ދެ ޑޯޒް ދިނުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ޑޯޒް ދިނުމަށްފަހު 28 ދުވަސް ފަހުން ދެ ވަނަ ޑޯޒް ދޭނެ އެވެ. އަދި ވެކްސިން ދޭނީ އެގްރިމެންޓެއްގައި ސޮއިކުރުމަށްފަހު ކަމަށާއި އެއީ އަދި މިވެކްސިން ރަސްމީކޮށް ބޭނުންކުރުމަށް ރަޖިސްޓްރީކޮށްފައިނުވާތީ ކަމަށް ސިނޯވެކުން ބުނެއެވެ.
އެހެންނަމަވެސް މިޕްރޮގްރާމްގެ ދަށުން ވެކްސިން ދޭނީ ކިތައް މީހުންނަށް ކަމަށާއި އަދި ޕްރޮގްރާމް ފަށާނެ ތާރީޚެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއްނުވެ އެވެ.
އެކަމާއި ގުޅިގެން ސީޑީސީގެ ސްޓާފަކު ވާހަކަދައްކަމުން ބުނެފައިވަނީ ވެކްސިން ދޭން ފަށާނެ ތާރީޚަކާއި ކިތައް މީހުންނަށް ކަމާއި އެކަން ކުރިޔަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ.
ސިނޯވެކް ގެ ވެކްސިންގެ އެންމެ ފަހު ޓްރެއަލް ތައް ބްރެޒިލް، އިންޑޮނޭޝިޔާ އަދި ތުރުކީގައި ކުރިޔަށްދާއިރު ފޭސް ތިނެއްގެ ޑާޓާތައް އެނަލިސްކުރުމަށް ލިބޭވަރުވާނީ ނޮވެމްބަރ މަހުގެ ކުރީ ކޮޅު ކަމަށް ސިނޯވެކުން ބުނެއެވެ.
އިންޑޮނޭޝިޔާއިން ވަނީ ސިނޯވެކް އާއެކު 40 މިލިއަން ޑޯޒް ހޯދުމަށް އެއްބަސްވުމަކާއި ހަމައަށް އައިސްފައެވެ. ވެކްސިންގެ ޑޯޒެއް ލިބެނީ 10 ޑޮލަރަށްކަމަށް އެގައުމުން ވަނީ ބުނެފައެވެ.
ޗައިނާއިން އުފައްދަމުން އަންނަ ވެކްސިންތައް ވިއްކާނެ އަގެއް އަދި އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއްނުވެ އެވެ. އެހެންނަމަވެސް ވެކްސިން އުފައްދަމުން އަންނަ ކުންފުނިތަކަށް ފައިދާ ލިބޭނެވަރުގެ އަގެއް ކަނޑައެޅިގެންދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 8 ވެކްސިނެއް އެންމެ ފަހު ޓްރެއަލްގައި އުޅޭއިރު ޗައިނާގެ 4 ވެކްސިނެއް މީގެތެރޭގައި ހިމެނެއެވެ. ޗައިނާއިން މިހާރުވެސް ވަނީ އެގައުމުން އުފައްދަމުން އަންނަ ވެކްސިންތައް ބޭނުންކުރުމުގެ ހުއްދަ ޑަބްލިޔުއެޗްއޯއިން ހޯދުމަށް ވާހަކަތައް ދައްކަމުންނެވެ.
ޗައިނާގެ ސީޑީސީން ބުނަމުން އަންނަނީ ނޮވެމްބަރ މަހު ނުވަތަ ޑިސެމްބަރ މަހު އެގައުމުން އުފައްދަމުން އަންނަ ވެކްސިން އާންމު ރައްޔިތުންނަށް ލިބޭވަރުވާނެކަމަށެވެ. މިހާރު ފޭސް ތިނެއްގެ ޓްރެއަލްތައް ކުރިޔަށްދާއިރު އަދި މިހާތަނަށް އައިއިރު ބޮޑު މައްސަލައެއް ޓްރެއަލްތަކުގައި ފާހަގަކުރެވިފައިނުވާތީ މިވެކްސިން ތައް އާންމު ރައްޔިތުންނާ ހަމައަށް އެހާހިސާބަށްދާއިރު ބޭނުންކުރަން ލިބޭވަރުވާނެ ކަމަށް ޗައިނާގެ އޮފިޝަލުން ދެކެއެވެ.
އެހެންނަމަވެސް ޑަބްލިޔުއެޗްއޯއިން ބުނަމުން އަންނަނީ އަންނަ އަހަރުގެ މެދު ތެރޭގައި ނޫނީ ރަނގަޅު ވެކްސިނެއް އާންމުންނާ ހަމައަށް ލިބޭވަރުނުވާނެ ކަމަށެވެ.