ހަތް މަހަށް ފަހު އުމްރާގެ އަޅުކަން ކުރަން ފަށައިފިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއިއެކު، އުމްރާގެ އަޅުކަން ކުރުން ހުއްޓާލުމަށްފަހު އަލުން އުމްރާގެ އަޅުކަން ކުރުމަށް މާތްވެގެންވާ ހަރަމްފުޅު ސައުދީގެ ސަރުކާރުން ހުޅުވާލައިފައިވަނީ އާދީއްތަ ދުވަހުއެވެ.
ސައުދީގެ ސަރުކާރުން ވަނީ މިއަހަރު ކޮވިޑް-19 ހަލުވިކަމާއިއެކު ފެތުރެމުން އަންނަނިކޮށް 10،000 މީހުންނާއިއެކު ހައްޖުގެ އަޅުކަން ކުރުމުގެ ހުއްދަދީފައެވެ.
ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާގެ މިނިސްޓަރ ޑރ. މުހައްމަދު ސަލެހް ބެންޓެން ވިދާޅުވީ މިއަދަކީ މުސްލިމުންނަށް އުފާވެރި ދުވަހެއް ކަމަށާއި، ހަތް މަހަށްފަހު އަލުން އަނބުރާ އުމްރާގެ އަޅުކަމަށް ހަރަމްފުޅު މިއަދު ހުޅުވާލީ ސައުދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހުއްދަ ނެގުމަށްފަހު ކަމަށެވެ.
ސަލެހް ބެންޓަން އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ ހަތް މަހަކީ މުސްލިމުން ޖަލުގައި ބަންދުވެފައިވާ ދުވަސްތަކެއް ކަމަށް ސިފަ ކުރައްވާ އަލުން އަޅުކަމަށް ހަރަމްފުޅު ހުޅުވާލި ކަމަކު އުމްރާގެ އަޅުކަން ކުރަންދާ ފަރާތްތަކުން ސިއްހަތައް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައެވެ.
ހަރަމްފުޅު އާދީއްތަ ދުވަހު ހުޅުވާލިއިރު ހަރަމް ހުޅުވާލެވޭނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް ސައުދީ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. އަދި ކޮންމެ ދުވަހަކު ވެސް އުމްރާވުމަށް އަންނަ މީހުން 12 ގްރޫޕަކަށް ބަހާލާ ކޮންމެ ގްރޫޕަކަށް ވެސް އުމްރާ ފުރިހަމަ ކުރުމަށް ލިބޭނީ 3 ގަޑިއިރުގެ ވަގުތެއް ކަމަށް ވެސް މިނސްޓަރ ހާމަކުރިއެވެ. އަދި މީގެ ކޮންމެ ގްރޫޕެއްގައި އިސްކޮށް ހުންނަވާނީ ސިއްޙީ މާހިރެއް ކަމަށް ހާމަކޮށްފައިވެއެވެ.