ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ގުނޭ ޗައިނާގެ ވާވޭ ކުންފުނިން އެ ގައުމުގެ ކޮމިއުނިސްޓް ޕާޓީއާ ގުޅިގެން މަސައްކަތް ކުރާކަމުގެ ހެކިތައް އެބަހުރިކަމަށް އިނގިރޭސި ޕާލަމަންޓުން ބުނެފިއެވެ.
ޕާލަމެންޓް ޑިފެންސް ކޮމިޓީން މިހެން ބުނެފައި މިވަނީ ތަޖުރިބާކާރުންނާ ސައިބަރ ސެކިއުރިޓީ އެކްސްޕާޓުންނާ މަޝްވަރާކުރުމަށް ފަހުއެވެ. ތަޖުރިބާކާރުން އަންދާޒާކުރާ ގޮތުގައި ފާއިތުވި ތިން އަހަރު ވާވޭ ކުންފުނީގެ ޓެކްނޮލޮޖީތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުން 75 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްފައިވެއެވެ.
އަދި ވާދަވެރި އެހެން ކުންފުނިތަކަށްވުރެ އަގު ހެޔޮކޮށް ވާވޭގެ އުފެއްދުންތައް ބާޒާރުގައި ވިއްކުމަށް ފަސޭހަވަނީ ޗައިނާ ސަރުކާރުން އެކުންފުންޏަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ ސަބަބުން ކަމަށްވެސް ކޮމިޓީއިން ބުނެއެވެ. އެހެންކަމުން ވާވޭ ކުންފުނިން އެތުހުމަތުތައް ދޮގުކުރިނަމަވެސް، ވާވޭ ކުންފުންޏަކީ ޗައިނާ ސަރުކާރާ ކޮމިއުނިސްޓް ޕާޓީއާ ގުޅުން އޮންނަ ކުންފުންޏެއްކަމަށް ޕާލަމެންޓުން ވަނީ ތުހުމަތު ކޮށްފައެވެ.
އިނގިރޭސިވިލާތުގެ ޕާލަމެންޓްގައި ވާވޭ ކުންފުންޏާ ގުޅޭ ތަހުގީގެއް ހިންގާފައި މިވަނީ އިނގިރޭސިވިލާތުގެ ގައުމީ މުވާސަލާތީ ވިއުގައިގައި ބޭނުންކުރާ ވާވޭގެ އުފެއްފުންތައް ބޭނުންކުރުން ހުއްޓާލުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވަނިކޮށެވެ. ޕާލަމެންޓުން ބުނީ އެ ނިންމުން ތަންފީޒުކުރާނެ އެންމެ ފަހުގެ ތާރީހެއް ސަރުކާރުން އިއުލާން ކުރަން ޖެހޭ ކަމަށެވެ.