ކޮވިޑް-19 އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަރުވާ ހޯއްދެވުމަށް ބޭނުން ކުރެއްވި ކޮވިޑް-19 އެންޓިބޮޑީ އާއި ދާދިއެއްގޮތް އެންޓިބޮޑީގެ އެއްލައްކަ ޑޯޒް އެސްޓްރަޒެނިކާ އިން ގަތުމަށް އެެމެރިކާއިން އެކުންފުންޏާއެކު އެއްބަސްވުމެއް ހަދައިފިއެވެ.
އެގޮތުން 486 މިލިއަން އެމެރިކާ ޑޮލަރު އެމެރިކާއިން އެސްޓްރަޒެނިކާ އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ވަކިން ޚާއްސަކޮށް ހައިރިސްކް ގްރޫޕްގައި ހިމެނޭ މީހުންގެ ތެރެއިން އުމުރުން 80 އަހަރުން މަތީ މީހުންނަށް ޚާއްސަކޮށް އުފައްދާ އެންޓިބޮޑީއެކެވެ. މި އެންޓިބޮޑީ ގިނަބަޔެއްގެ ސަމާލު ކަމަށް އައިސްފައިވަނީ ޓްރަމްޕް ކޮވިޑަށް ޕޮޒިޓިވްވެގެން ރެޖެނެރޮން ފަރމަޝޫޓިކަލް ކުންފުނިން އުފައްދާފައިވާ އެންޓިބޮޑީ ނެންގުވުމާއި ގުޅިގެންނެވެ. ޓްރަމްޕް އަމިއްލަފުޅަށް ވެސް ވަނީ އެ އެންޓިބޮޑީ ރަނގަޅު ކަމަށް ވިދާޅުވެ ޓްވިޓަރ އަށް ވީޑިއޯއެއް ޕޯސްޓް ކުރައްވާފައެވެ.
އެމެރިކާ ސަރުކާރުން އަންނަނީ މީގެ އެންޓިބޮޑީގެ އެއް މިލިއަން ޑޯޒް ހިލޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. ރެޖެނެރޮން އާއި އެލި ލިލީ ވަނީ އެދެބައި މީހުންގެ އެންޓިބޮޑީ އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށްއެދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑިމިނިސްޓްރޭޝަނަށް ހުށަހަޅާފައެވެ.
އެސްޓްރަޒެނިކާއިން ބުނީ އެމީހުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމެންވާއިރު އެންޓިބޮޑީގެ އެއްލައްކަ ޑޯޒް އެމެރިކާ އަށް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މިލިއަން ޑޯޒް އަންނަ އަހަރު އެހެން އެގްރިމެންޓްތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓްރަޒެނިކާއިން ބުނެއެވެ.
އެސްޓްރަޒެނިކާއިން އަންނަނީ އެކުންފުނިން ކޮވިޑް-19 އަށް އުފައްދާފައިވާ ދެ އެންޓިބޮޑީގެ ނަތީޖާތައް އިތުރަށް ދިރާސާ ކުރަމުންނެވެ.