ކޮވެކްސް ފެސިލިޓީން ޗައިނާއިން ގަންނާނީ ޗައިނާގެ އާބާދީގެ 1 އިންސައްތަ މީހުން ނުވަތަ 15 މިލިއަން މީހުންނަށް ބޭނުންވާ ކޮވިޑް-19 ވެކްސިން ކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ކޮވެކްސް އަކީ ކޮވިޑް-19 ވެކްސިން ދުނިޔޭގެ އާބާދީއަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ ފެސިލިޓީއެކެވެ.
ޗައިނާ އިން ފެސިލިޓީގައި ބައިވެރިވުމުން އެ ގައުމަށް ވެސް ފެސިލިޓީގައި ބައިވެރިވާ އެހެން ގައުމުތަކުގެ އާބާދީއަށް ލިބޭ މިންވަރަށް ވެކްސިން ލިބޭނެ ކަމަށް ގަވީގެ ސްޕޯކްސްމަން ބުނެއެވެ. ގަވީ އަކީ މި ފެސިލިޓީ އުފެއްދުމުގައި ޑަބްލިޔުއެޗްއޯ އާއި ގުޅިގެން މަސައްކަތް ކުރާ އެއް ބަޔެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ހުއާ ޗުންޔިންގ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޗައިނާގެ 1.4 ބިލިއަން އާބާދީން 20 އިންސައްތަ މީހުންނަށް ވެކްސިން ގަތުމަށް ހުށަހަޅައިފިނަމަ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. ޗައިނާ އިން ކޮވިޑް-19 އަށް ހަތަރު ވެކްސިނެއް އަންނަނީ އުފައްދަމުންނެވެ. މި ވެކްސިންތައް ޗައިނާގެ އެތެރޭގައި މިހާރު ވެސް ބޭނުން ކުރަމުން އަންނައިރު ޗައިނާ އިން އަންނަނީ ބައިނަލްއަގްވާމީ ގޮތުން ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ޑަބްލިޔުއެޗްއޯއާއެކު ވާހަކަތައް ދައްކަމުންނެވެ.
އަމިއްލަ އަށް ފައިސާ ކޮވެކްސް ފެސިލިޓީގައި އިންވެސްޓް ކުރާ ގައުމުތަކަށް އެ ގައުމުތަކުގެ އާބާދީގެ 10 އާއި 15 އިންސައްތަ އާ ދެމެދުގެ އަދަދަކަށް ވެކްސިން ލިބިގެންދާނެއެވެ. މި ފެސިލިޓީއަށް ފަންޑު ކުރާ ގައުމުތަކަށް ދިގު މުއްދަތަކަށް އާބާދީގެ 20 އިންސައްތަ އަށް ވާވަރަށް ވެކްސިން ލިބޭނެއެވެ.