ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި އެންމެ މުހިންމު އިސްކަމެއްދެއްވި އެއް ވައުދަކީ ކަރަންޓުގެ އަގު ހެޔޮކުރުމުގެ ވައުދު އެވެ. އެ ވައުދުގެ ދަށުން، މާލެ އާއި އަތޮޅުތެރޭގެ ކަރަންޓުގެ އަގުތައް އެއް ހަމަކޮށްފައިވާއިރު، ދާއިމީގޮތެއްގައި ކަރަންޓުގެ އަގު ހެޔޮކުރުމަށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ސަރުކާރުގެ އެއް އަމާޒު އެވެ. އެކަމަކީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ކުރާ މަސައްކަތެއްގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުންވެސް ސަރުކާރުގެ އަމާޒުގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރުގެ އެ އަމާޒުތަށް ހާސިލްކުރުމަށް ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ހޮނިހިރު ދުވަހު އެ ކުންފުނިން ވަނީ އިޔާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫއެއް ފަށައިގެންކަން ހާމަކޮށްފަ އެވެ. ޅ. އޮޅުވެލިފުށީގައި ފަށައިގެން އެ މަޝްރޫއުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންްމާލެވޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެ އެވެ.
މި މަޝްރޫއުގެ ދަށުން 150 ކިލޯވޯޓުގެ ސޯލާ ޕީވީ ޅ. އޮޅުވެލިފުށީގައި އިންސްޓޯލްކުރެވިގެންދާނެ އެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދިއުމަށް ކަނޑައަޅާފައިވާ އެހެން ރަށްރަށުގައި 12 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކުރެވިގެންދާނެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވީ މި ޕްރޮޖެކްޓުގެ ދަށުން 18 މަސް ދުވަހުގެ ތެރޭގައި 12 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްކުރެވި، ތެލުގެ ހަރަދުން އަހަރަކު 47.5 މިލިއަން ރުފިޔާ ސަލާމަތްކުރެވިގެންދާނެ ކަމަށެވެ. އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭހެއްކަމަށްވާ ކާބޮން ޑައިއޮކްސައިޑް (Co2) އަހަރެއްގެ މައްޗަށް 16.5 ޓަނު މަދުކުރެވިގެންދާނެކަމަށް ސައީދު ވިދާޅުވި އެވެ.
އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރެވުމުން، ތެލަށް ކުރާ ހަރަދު ބޮޑުތަނުން ދަށްކުރެވި، ކަރަންޓު ޔުނިޓެއްގެ އަގު ބޮޑު ތަނުން ހެޔޮކުރެވިގެންދާނެ އެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ ރިޒާވަށްވެސް ރަނގަޅު އަސަރުތަކެއްކޮށް، އިޤްތިސާދަށް ބޮޑެތި ފައިދާތަކެއް ކުރާނެ އެވެ. އައު ސަރުކާރުގެ އަމާޒަކީ ދެމެހެއްޓެެނިވިިގޮތެއްގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކަރަންޓު އަގު ހެޔޮކުުރުންކަމަށް، ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވިދާޅުވެއިވެއެވެ.