ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 14:21
މެޑްރިޑްގެ މަގުމަތީގައި ދެ މީހަކު މާސްކު އަޅައިގެންދަނީ
މެޑްރިޑްގެ މަގުމަތީގައި ދެ މީހަކު މާސްކު އަޅައިގެންދަނީ
ރޮއިޓަރސް
ޔޫރަޕްގައި ކޮވިޑް-19 ގެ ހާލަތު
ޔޫރަޕްގައި ފުރަތަމަ ފަހަރަށް އެއްދުވަހާ އެއްލައްކަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ
އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތަކަކީ އިނގިރޭސިވިލާތް، ރަޝިޔާ، ސްޕެއިން އަދި ފްރާންސް
މުޅި ދުނިޔޭގައި ވައިރަސް ޖެހިފައިވާ މީހުންގެ 16 އިންސައްތަ ހިއްސާކުރަނީ ޔޫރަޕްގެ ގައުމުތައް
އޮކްޓޯބަރ މަސް ފެށުނު ފަހުން ޔޫރަޕްގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 78،000 މީހުންނަށް އަންނަނީ ވައިރަސް ޖެހެމުން

ރަޝިޔާއާއި އިނގިރޭސިވިލާތުގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނައިރު ޔޫރަޕް ބައްރުން ދުވާލެއްގެ މައްޗަށް އެއް ލައްކަ މީހުންނަށް ވައިރަސް ޖެހިގެން ފުރަތަމަ ފަހަރަށް ރިކޯޑްކޮށްފިއެވެ.

ފާއިތުވި ހަފުތާތަކުގައި ޔޫރަޕްގެ ގައުމުތަކުން ވައިރަސް ޖެހޭ މީހުންގެ އަދަދުތައް ވަނީ އިތުރުވާން ފަށާފައެވެ. އެންމެ ގިނައިން ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އިންޑިޔާ އަދި ބްރެޒިލްގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ދަށަށްދާނެ ފަށާފައެވެ.

ޔޫރަޕްގައި މިހާރު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތަކަކީ އިނގިރޭސިވިލާތް، ރަޝިޔާ، ސްޕެއިން އަދި ފްރާންސެވެ. މިއިން ކޮންމެ ގައުމަކުން ފާއިތުވި ތިން ދުވަހު ވަނީ ދުވާލެއްގެ މައްޗަށް 10،000ށް ވުރެ ގިނަ މީހުންނަށް ވައިރަސްޖެހިފައެވެ.

މެއި މަހުގެ ފަހުން ރަޝިޔާއިން ރިކޯޑް މިންވަރަށް މީހުންނަށް ވައިރަސް ޖެހިގެން ހުކުރު ދުވަހު ވަނީ ރިޕޯޓްކޮށްފައެވެ. އެއާއެކު މޮސްކޯއިން ވަނީ ބަރތަކާއި ނައިޓް ކްލަބްތައް ބަންދުކޮށްފައެވެ. ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުން 17،000 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ނޮދަރން އިންގްލެންޑާއި ވޭލްސް އަދި ސްކޮޓްލެންޑުގައި އުޅޭ މީހުންނެވެ. އެއާއެކު އެ ސަރަހައްދުތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަނީ އިތުުރަށް ވަރުގަދަކޮށްފައެވެ.

އަނެއްކޮޅުން އިނގިރޭސިވިލާތަކީ ވައިރަސް ޖެހޭ މީހުންގެ ނިސްބަތުން އެންމެ ގިނަ މީހުން އެބަލީގައި މަރުވަމުންދާ ގައުމުވެސްމެއެވެ. އެ ގައުމުގައި ވައިރަސް ޖެހިގެން މަރުވާ ރޭޓް އުޅެނީ 7 އިންސައްތައިގައެވެ. ވައިރަސް ޖެހިފައިވާ ކޮންމެ 10،000 މީހުންގެ ތެރެއިން ހައަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިނގިރޭސިވިލާތުގައި މަރުވާ ރޭޓް އުޅެނީ އެމެރިކާއަށް ވުރެވެސް މަތީގައެވެ. އެމެރިކާގައި މީހުން މަރުވާ ރޭޓް އުޅެނީ 2.8 އިންސައްތައިގައެވެ.

މުޅި ދުނިޔޭގައި ވައިރަސް ޖެހިފައިވާ މީހުންގެ 16 އިންސައްތަ ހިއްސާކުރަނީ ޔޫރަޕްގެ ގައުމުތަކެވެ. އަދި މަރުވާ މީހުންގެ 22 އިންސައްތަ ޔޫރަޕްގެ ގައުމުތަކުން ހިއްސާކުރެއެވެ. ބުރާސްފަތި ދުވަހު ޔޫރަޕުން ލައްކައެއްހާ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރިއިރު އިރުމަތީ ޔޫރަޕަކީ އެންމެ ހާލަތު ގޯސް ސަރަހައްދަށް ވަނީ ވެފައެވެ. އެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 33،600 މީހުންނަށް ވައިރަސް ޖެހިގެން އަންނަނީ ރިޕޯޓްކުރަމުންނެވެ.

ފާއިތުވި ހަފްތާގައި ޔޫކްރެއިން، ރަޝިޔާ، އަދި ޗެކްރިޕަބްލިކް ހިމެނޭ ގޮތަށް އެސަރަހައްދުގެ 8 ގައުމެއްގައި ވަނީ ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވެފައެވެ. އުތުރު ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލްނުވާ ހަމައެކަނި ގައުމަކީ އިނގިރޭސިވިލާތެވެ. އެ ގައުމުގައި އޮކްޓޯބަރ މަސް ފެށުނު އިރު ވައިރަސް ފެތުރޭ މިންވަރު ވަނީ 2.5 ގުނަ އިތުރުވެފައެވެ.

ޔޫރަޕްގެ ދެކުނުގެ ގައުމުތަކުގެ ތެރެއިން އިޓަލީން ވަނީ އޭޕްރީލް މަހަށް ފަހު ދުވާލެއްގެ މައްޗަށް 4000ށް ވުރެ ގިނަ މީހުންނަށް ވައިރަސްޖެހިގެން ރިޕޯޓްކޮށްފައެވެ. އިޓަލީގައި ފާއިތުވި ތިން މަހު ވައިރަސް ޖެހޭ މީހުންގެ އަދަދުތައް އެއްވަރެއްގައި ހުރުމަށްފަހު އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ. ޔޫރަޕްގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމަކީ އިޓަލީއެވެ.

ސްޕެއިންއިން ވަނީ މެޑްރިޑްގައި ކޭސްތައް އިތުރުވާން ފެށުމުން ހުކުރު ދުވަހު މެޑްރިޑްގެ އެއް ބައި ލޮކްޑައުންކުރުމަށް ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކުރުމަށް ގޮވާލާފައެވެ. މެޑްރިޑް ހިމެނޭ ސަރަހައްދުގައި ކޮންމެ އެއް ލައްކަ މީހަކުން 850 މީހުންނަށް ވައިރަސް ޖެހެއެވެ. ހުޅަނގު ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ފްރާންސްއިން ވަނީ ދުވާލެއްގެ މައްޗަށް 18،000ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެވެ. އެއާއެކު އެގައުމުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައެވެ.

ބެލްޖިއަމްގައިވެސް ވަނީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް މީހުން އެއްވެ އުޅުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާފައެވެ. އޮކްޓޯބަރ މަސް ފެށުނުފަހުން އެގައުމުގައި ވައިރަސް ޖެހޭ މީހުންގެ އަދަދުވަނީ 2.6 ގުނަ އިތުރުވެފައެވެ. 11 މިލިއަން މީހުން ދިރިއުޅޭ ބެލްޖިއަމްގައި ވައިރަސް ޖެހިގެން މަރުވެފައިވާ މީހުންގެ އަދަދު ވަނީ 10،000ށް ވުރެ މައްޗަށް އަރާފައެވެ.

އޮކްޓޯބަރ މަސް ފެށުނު ފަހުން ޔޫރަޕްގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 78،000 މީހުންނަށް އަންނަނީ ވައިރަސް ޖެހެމުންނެވެ. އެ އަދަދު ސެޕްޓެމްބަރ މަހު ހުރީ 47،500 ގައެވެ.

- ކޮމެންޓް