ކ. މާލެ
|
9 ޖެނުއަރީ 2024 | އަންގާރަ 01:06
ޗައިނާގެ ޓައިމް ބޭންކިން ޕްރޮގްރާމުގައި ބައިވެރިވި އުމުރުން ދުވަސްވީ މީހެއް
ޗައިނާގެ ޓައިމް ބޭންކިން ޕްރޮގްރާމުގައި ބައިވެރިވި އުމުރުން ދުވަސްވީ މީހެއް
ސީޖީޓީއެން
ފައިސާ ރައްކާ ކުރުން
މުސްކުޅިވެ، ގައިބާރު ދާ ދުވަހު ތަނަވަސް ބޭންކު އެކައުންޓެއް އޮންނަން ބޭނުންތަ؟
 
މި ޕްރޮގްރާމްގެ ދަށުން، ދޮށީ ޢުމުރުގެ މީހުންނަށް ޚިދުމަތް ކުރުމުގައި ވޮލަންޓިއަރުން ހޭދަ ކުރާ ގަޑިތައް 'ބޭންކު' ކުރެވެމުން ދޭ

ވެހޭ އިރު ފެން ނަގާށޭ، ކާށި ކެވޭނީ ދަތް ހުރި ދުވަހުއޭ އިހުގެ މީހުން ކިޔައި އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. މުސްކުޅި ވުމުގެ ކުރިން ޒުވާން ކަމުގެ ފައިދާ، ހެޔޮ ގޮތުގައި ލިބިގަންނަން ޖެހެއެވެ. ޢުމުރުން ދުވަސްވެ، ގައިބާރު ދާ ދުވަހު އެކަނިވެރިކަމާއި، މާޔޫސްކަމުގެ ހިތްދަތި ދާނެއްގައި ދުނިޔެއަޅާދާކަށް ހަމަ އެއްވެސް މީހަކު ނުއެދޭނެ ކަން ޤައިމެވެ. ކިތަންމެ ނަޞޭހަތެއް ދިން ކަމުގައި ވީ ނަމަވެސް ގިނަ ފަހަރަށް، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި އޮންނަނީ ނުހިފިއެވެ. ނަމަވެސް، ޗައިނާއިން މި ވަނީ އެ ނުރަނގަޅު އާދަ ކަނޑުވާލުމަށް، ބިނާ ކުރަނިވި ޙައްލެއް ހޯދާފައެވެ.

ދިރިއުޅުމުގެ ބޭނުންތަކާއި މުހުތާދުތައް ފުއްދުމަށް ހޭބޯނާރާ މަސައްކަތް ކުރަނީ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ފައިސާއަކީ ކިތަންމެ ބައިވަރެއް ލިބުނު ކަމުގައި ވީ ނަމަވެސް، ހިތް ފުރާލަދޭ އެއްޗަކަށް އޮންނަނީ ނުވެފައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އަތުން ބީވެގެންދާ ވަގުތަކީ ކިހާ އަގެއް ހުރި އެއްޗެއް ކަމާއި، ގެއްލިއްޖެ ވަގުތަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫންކަންވެސް ގިނަ ފަހަރު ހަނދާނުގައި ނުހުރެއެވެ. އަދުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލައިގެން ޗައިނާއިން ތަޢާރަފު ކުރީ ފައިސާގެ ބަދަލުގައި، 'ވަގުތު ބޭންކު ކުރާ' ނިޒާމެކެވެ.

ޗައިނާއަކީ ދޮށީ ޢުމުރުގެ އާބާދީ ހަލުވި ދުވެލީގައި އިތުރު ވަމުން އަންނަ ޤައުމަކަށް ވާ އިރު، އަލަށް ތަޢާރަފު ކުރި ވަރކް-ޓްރޭޑް ޕްރޮގްރާމަކީ ދޮށީ ޢުމުރުގެ މީހުން ބެލެހެއްޓުމަށްޓަކައި ބޭނުންވާ އެހީތެރިކަން، ހިލޭ ސާބަހަށް މަސައްކަތް ކުރާ ދަރުމަވެރިން ލައްވާ ހޯދުމަށް ފަރުމާ ކޮށްފައި ވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން، ދޮށީ ޢުމުރުގެ މީހުންނަށް ޚިދުމަތް ކުރުމުގައި ވޮލަންޓިއަރުން ހޭދަ ކުރާ ގަޑިތައް 'ބޭންކު' ކުރެވެމުން ދެއެވެ. މިހާ ހިސާބުން އުފެދޭނެ ސުވާލަކީ 'ވަގުތު ބޭންކު' ކޮށްގެން ވާނެ ފައިދާއަކީ ކޮބައިތޯ ކަމަށް ވެދާނެއެވެ. 'ވަގުތު ބޭންކު' ކުރުމޭ މި ކިޔަނީ، ދޮށީ ޢުމުރުގެ މީހުންނަށް ޚިދުމަތް ކުރުމުގައި ވޮލަންޓިއަރ އުސޫލުން ހޭދަ ކުރި ވަގުތުގެ ބަދަލުގައި، އެ ވޮލަންޓިއަރަކު ދޮށީ ޢުމުރަށް އެޅުމުން، ދަޢުލަތުން އެހީތަކެއް ލިބިގެން ދިއުމެވެ. ދޮށީ ޢުމުރުގައިވެސް ޢަބުރުވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމުގެ ޔަޤީން ކަމެއް ލިބެއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ޖިއާންގްސޫ ޕްރޮވިންސްގެ ވެރިކަން ކުރާ ނަންޖީންގް ސިޓީގައެވެ. 2020 ވަނަ އަހަރު ޗައިނާގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ސަރވޭ ދައްކާ ގޮތުން، 8 މިލިއަން މީހުންގެ އާބާދީއެއް އޮތް ނަންޖީންގް ސިޓީގައި، ވަޒީފާއިން މުސްކުޅިވެ ރިޓޔަރމަންޓް ޢުމުރަށް އަޅާފައި ވާ މީހުންގެ ޢަދަދު އުޅެނީ ގާތްގަނޑަކަށް 1.5 މިލިއަންގައެވެ.

ޚުދު އަމިއްލަ މީހާ ދޮށީ ޢުމުރަށް އެޅުމުން އެހީ ލިބޭ ސްކީމްގެ ދަށުން، ޒުވާން ދުވަސްވަރު ވޮލަންޓިއަރ ކުރަން ބޭނުންވާ ފަރާތްތަކުން، އެކަމަށް ޚާއްޞަ ކޮށްފައި ވާ އެޕެއްގައި ދަފުތަރު ވާން ޖެހެއެވެ. ތަފާތު 30 އަކަށް ދާއިރާއިން ޚިދުމަތް ކުރެވެން އޮވެއެވެ. އެގޮތުން ދޮށީ ޢުމުރުގެ މީހުން ތިބި ތަނަކަށް ގޮސް ބޯކޮށައި ދިނުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ދަތުގެ ފަރުވާ ދިނުމާއި، ނަފްސާނީ ބަލީގެ ތެރަޕީތައް ދިނުން ފަދަ ޚިދުމަތްތައް ދިނުމުގެ ފުރުޞަތު، ދަރުމަވެރިންނަށް އޮވެއެވެ.

ޚިދުމަތް ފުރިހަމަ ވާ ހިސާބުން، މާލީ ފައިސާގެ ބަދަލުގައި އެމީހަކަށް ކްރެޑިޓް ވަނީ 'ގަޑި' ނުވަތަ ވަގުތެވެ. ޢުމުރުން 60 އަހަރު ވުމުން، ދޮށީ ޢުމުރުގެ މީހުންނަށް ބޭނުންވާ އެހީ، އެ އެކައުންޓު މެދުވެރިކޮށް އެމީހަކަށް ހޯދިދާނެއެވެ.

މި މަޝްރޫޢު ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ، އޭޖިންގް ޗައިނާ ޑިވަލޮޕްމަންޓް ފައުންޑޭޝަންގެ ޓައިމް ފަންޑް މެނޭޖްމަންޓް ކޮމިޓީގެ ޑައިރެކްޓަރ، ޝީ ޝޫލިއަންއެވެ.

މިއީ މިދާކަށް ދުވަހު ތަޢާރަފު ކުރި ޕްރޮގްރާމެއް ނޫނެވެ. 2019 ވަނަ އަހަރު މަޝްރޫޢު އިފްތިތާޙު ކުރި ފަހުން ސިޓީގެ އެކި ހިސާބުތަކުން 60000 އަށް ވުރެ ގިނަ ވޮލަންޓިއަރުން ވަނީ ބައިވެރިވެފައެވެ. ޗައިނާގައި ޢާންމު މީހަކު ދިރިހުންނާނެ ކަމަށް ލަފާ ކުރާ އެންމެ ދޮށީ ޢުމުރަކީ 80 އަހަރު ކަމަށް އަންދާޒާކޮށް އިތުރު ކުރީ 2021 ވަނަ އަހަރުއެވެ.

'ވަގުތު ބޭންކު' އެޕް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް، ދޮށީ ޢުމުރުގެ އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކުވެސް އެދެމުން ދެއެވެ. ޑިސެމްބަރ 2022 ގެ ނިޔަލަށް އެކަނިވެސް 650000 އަށް ވުރެ ގިނަ އޯޑަރަށް ޚިދުމަތް ދީ ފުރިހަމަ ކޮށްފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ރައްޔިތުންގެ އިތުބާރާއެކު މިހާ ފުރިހަމަކޮށް މިމަޝްރޫޢު ކުރިއަށް ގެންދެވެނީ ނަންޖީންގެ ސަރަޙައްދީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބި، ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކޮށްފައި އޮން ގޮތުން ކަން ޝީ ފާހަގަ ކުރެއެވެ.

އެންމެ ފުރަތަމަކޮޅު، މީހުންނަކަށް މިކަން ބަލައެއް ނުގަނެވުނު... މިހާރު ވަގުތުތަކެއް ޖަމާކޮށްގެން، ދޮށީ ޢުމުރަށް އަޅާ، އަމިއްލައަށް ހެލިފެލިވެނުއުޅެވޭ ވަރުވީމަ، އެ ވަގުތުގެ ބޭނުން ހިފޭނީ ކިހިނެއް ބާއޭ ހިތާ ސުވާލެއްގަ ތިބީ. އަހަރެމެން އެމީހުންނަށް އިތުބާރު ހޯދައިދެމުން ދިޔައީ ވީހާވެސް ޙަޤީޤަތާ އެއްގޮތް ޚިދުމަތްތަކެއް ދީގެން. ހަމަ ފޯނު ކޮށްލަން ޖެހެނީ، ވޮލަންޓިއަރުން ދާނެ އެހީވާން.
ޝީ ޝޫލިއަން؛ ޓައިމް ފަންޑް މެނޭޖްމަންޓް ކޮމިޓީގެ ޑައިރެކްޓަރ

'ވަގުތު ބޭންކު' ކުރުމުގެ ފަލްސަފާއަކީ އެމެރިކާގެ ޢިލްމުވެރިއެއް ކަމަށްވާ އެޑްގަރ ކާން، 1980ގައި ޢާންމު ކުރި ނަޒަރިއްޔާއެކެވެ. އޭގެ ފަހުން 30 ޤައުމެއްގައި އެ މޮޑެލް ތަންފީޒުކޮށް ހިންގާފައި ވެއެވެ. އޭގެ ތެރޭގައި، ދޮށީ ޢުމުރުގެ އާބާދީ، ހަލުވި ދުވެލީގައި އިތުރު ވަމުން އަންނަ ޖަޕާން، އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާ ފަދަ ޤައުމުތައް ހިމެނެއެވެ.

2000 ވަނަ އަހަރާ ހިސާބުން ފެށިގެން ޗައިނާގައިވެސް ކޮންމެވެސް ވަރަކަށް 'ވަގުތު ބޭންކު' ކުރުމުގެ ފަލްސަފާ ތަންފީޒު ކޮށްފައި ވެއެވެ. ޕައިލެޓް އުސޫލުން މަޝްރޫޢު ކުރިއަށް ގެންދިޔަ ފުރަތަމަ ސިޓީތަކުގެ ތެރޭގައި ޝަންހާއި، ބީޖިންގް އަދި ގުއާންގްޝޫގެ އިތުރުން ނަންޖީންގެ ފާހަގަ ކޮށްލެވެއެވެ.

ނަންޖީންގައި ހިންގާ 'ވަގުތު ބޭންކު' މަޝްރޫޢުގެ ދަށުން މަސައްކަތް ކުރާ ވޮލަންޓިއަރުންގެ ގާތްގަނޑަކަށް 11 ޕަސެންޓް މީހުންނަކީ މިހާރުވެސް 60 އަހަރު ފުރިފައި ވާ މީހުންނެވެ. އެހެން ކަމުން ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމަށް، ކޮލެޖު ދަރިވަރުން އުނގެނޭ އެއްޗެއް ޢަމަލީ ގޮތުން ތަންފީޒު ކުރާނެ ފުރުޞަތު ފަހި ކުރުމަށްވެސް 'ވަގުތު ބޭންކު' ނިޒާމުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް