ކ. މާލެ
|
10 އޮކްޓޯބަރ 2020 | ހޮނިހިރު 15:00
އާޖެންޓީނާގައި ކޮވިޑްގެ ކޭސްތައް އިތުރުވަނީ، ރައްކާތެރިވުމަށް އާންމުން އުޅެނީ މާސްކް އަޅައިގެން
އާޖެންޓީނާގައި ކޮވިޑްގެ ކޭސްތައް އިތުރުވަނީ، ރައްކާތެރިވުމަށް އާންމުން އުޅެނީ މާސްކް އަޅައިގެން
އަލްޖަޒީރާ
ކޮވިޑް-19 އާޖެންޓީނާގެ ހާލަތު
ކޮވިޑާއި ގުޅިގެން އާޖެންޓީނާގެ ޖީޑީޕީ 11.8 އިންސައްތަ ދަށަށް ހިނގައިދާނެ
މި އަހަރު ނިމޭއިރު އިންފްލޭޝަން 36.9 އިންސައްތަ އިތުރުވާނެ
ތަކެތީގެ އަގު އިންތިހާއަށް އިތުރުވެގެންދާނެކަމުގެ ބިރު އެބައޮތް
ޕެސޮސްގެ އަގު ވެއްޓޭނެ

ކޮވިޑާއި ގުޅިގެން އާޖެންޓީނާގެ ޖީޑީޕީ 11.8 އިންސައްތަ ދަށަށް ދާނެކަމަށް އެ ގައުމުގެ ސެންޓްރަލް ބޭންކުން ބުނެފިއެވެ.

ގައުމުގެ އިގްތިސާދު ދިރާސާކުރާ މާހިރުންނައި އެނަލިސްޓުން ހިމެނޭގޮތަށް ސެންޓްރަލް ބޭންކުން ހެދި މި ދިރާސާ ދައްކާގޮތުން، މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ޖީޑީޕީ 11.8 އިންސައްތައަށް ދަށަށް ދާނެއެވެ. މިއީ ޖީޑީޕީ ދަށަށް ދާނެކަމަށް މީގެ ކުރިން އަންދާޒާކުރި އަދަދަށް ވުރެ ދަށް އަދަދެކެވެ. މީގެ ކުރީގެ ޖީޑީޕީ ދަށްވާނެކަމަށް އަންދާޒާ ކޮށްފައިވަނީ 12.1 އިންސައްތައެވެ.

ބޭންކުގެ މާކެޓް އެކްސްޕެކްޓޭޝަން ސާރވޭއިން ދައްކާގޮތުން، މި އަހަރު ނިމޭއިރު އިންފްލޭޝަން 36.9 އިންސައްތަ އިތުރުވާނެއެވެ. މިއާއި އެކު ތަކެތި ލިބޭ އަގު އިންތިހާއަށް އުފުލިގެން ދާއިރު ނިމިދިޔަ ސެޕްޓެމްބަރު މަހުވެސް އިންފްލޭޝަން ވަނީ 3 އިންސައްތަ އިތުރުވެފައެވެ. މިއާއި އެކު އެ ގައުމުގެ ފައިސާގެ އަގު ވެއްޓިފައިވާކަން ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން، 1 ޑޮލަރުގެ އެކްސްޗޭންޖް ރޭޓަކަށް 83.8 ޕެސޮސް މިހާރު އޮތް އިރު އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ގައުމުގެ ފައިސާގެ އަގު އިތުރަށް ވެއްޓޭނެއެވެ. އެގޮތުން ޑޮލަރަކަށް 121.5 ޕެސޮސްއަށް ވެއްޓޭނެކަމަށް ދިރާސާގައި ވަނީ ބުނެފައެވެ.

އާޖެންޓީނާގެ ސިއްހީ ވުޒާރާއިން ހޮނިހިރު ދުވަހުގެެ ނިޔަލަށް އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިހާތަނަށް ޖުމްލަ 871,468 މީހަކަށް ބަލި ޖެހިފައިވާއިރު ބަލީގައި 23,000ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ކޮންޓްރޯލްކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އާޖެންޓީނާއިން އަޅާފައިވާއިރު، 7 މަސް ދުވަހުގެ ލޮކްޑައުންގެ ތެރޭގައިވެސް ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ނުކުރެވި ދިޔުމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަޝްރަހު ދިރާސާކުރާ މާހިރުންވެސް ވަނީ 7 މަސްދުވަހުގެ ލޮކްޑައުންގެ ސަބަބުން އެގައުމު އިގްތިސާދު އަރައިނުގަނެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ފާހަގަކޮށްފައެވެ. ދެކުނު އެމެރިކާގެ ގައުމު ތެރެއިން އާޖެންޓީނާއަކީ އެންމެ ފުރަތަމަ ކޭސްއެއް ފެނުމާއި އެކު ފުރަތަމަވެސް ހަރުކަށި ފިޔަވަޅު އެޅި ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ.

- ކޮމެންޓް