އޮކްޓޯބަރ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގެ ދެވަނަ ބުރުގައި ބައިވެރިވެވަޑައިގަތުމަށް ޑޮނަލްޑް ޓްރަމްޕް ދެކޮޅު ހެއްދެވުމުން ބަހުސް ކެންސަލްކޮށްފިއެވެ.
ކޮވިޑް-19 އަށް ޓްރަމްޕް ޕޮޒިޓިވްވެފައިވުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަހުސް އިންތިޒާމުކުރާ ޑިބޭޓް ކޮމިޝަނުން ނިންމާފައިވަނީ ބަހުސްގެ ދެވަނަ ބުރު ވަރޗުއަލްކޮށް ބަހުސްގައި ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް އެގޮތަށް ބަހުސްގެ ފޯމެޓް ބަދަލުކުރުމުން ޓްރަމްޕް ވަނީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ. ފޮކްސް ނިއުސްއަށް ޓްރަމްޕް ދެއްވި ފޯނު އިންޓަރވިއުއްގައި ވިދާޅުވީ ވަރޗުއަލްކޮށް ކުރިޔަށް ގެންދާ ބަހުސްގައި ބައިވެރިވެވަޑައިގެން ވަގުތުތައް ބޭކާރުކޮށް ނުލެއްވޭނެ ކަމަށެވެ.
މި ބަހުސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިއޮތީ މަޔާމީގައެވެ. ބަހުސްގެ ދެވަނަ ބުރު އޮކްޓޯބަރ 15 ގައި ބާއްވަން ތާވަލުކުރިއިރު، ތިންވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުއެވެ.
އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އޮންނަ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް ދެކޮޅު ހެއްދެވުމުން ބައިޑަން ވަނީ އެދުވަހު ޓީވީ މެދުވެރިކޮށް ޓައުން ހޯލް ސްޓައިލްގެ އިވެންޓެއް ބޭއްވުމަށް ހަމަޖައްސަވާފައެވެ. ޓްރަމްޕްގެ ކެމްޕެއިން ޓީމުން ބަހުސްގައި ބައިވެރިވުމަށް ދެކޮޅު ހެދުމަށްފަހު ބުނެފައިވަނީ އެދުވަހު ޓްރަމްޕް ބާއްވަވާނީ ރެލީއެއް ކަމަށެވެ.
ޑިބޭޓް ކޮމިޝަނުން ކޮށްފައިވާ އީމެއިލެއްގައި ބުނެފައިވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އޮންނަ ބަހުސް ނޯންނާނެކަމަށެވެ. އެހެންކަމުން ކޮމިޝަނުން މިހާރު މަސައްކަތްކުރަމުން އަންނަނީ ބަހުސްގެ ތިންވަނަ ބުރު އަދި ފަހު ބުރުގެ ބަހުސް ބޭއްވުމަށްވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.
ޓްރަމަޕްގެ ކެމްޕެއިންގެ ސްޕޯކްސްމަން ޓިމް ވިދާޅުވީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ބާއްވާ ބަހުސް ވަރޗުއަލްކޮށް ބާއްވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެއީ އޭރަށް ވާއިރަށް ޓްރަމްޕްގެ ސިއްހީ ހާލުކޮޅު ރަނގަޅުވެފައި ހުންނާނެތީކަމަށް ޓިމް ވަނީ ވިދާޅުވެފައެވެ.
ޑިބޭޓް ކޮމިޝަނުން ބުނެފައިވަނީ ދެ ކެންޑިޑޭޓުންވެސް ބަހުސްގެ ތިންވަނަ ބުރުގައި ބައިވެރިވުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ބަހުސްގައި ބައިވެރިވުމުގެ ކުރިން ވައިރަސްއަށް ޓެސްޓް ކުރާނެ ކަމަށާއި ބަހުސްގައި ތިއްބަވަންޖެހޭނީ މާސްކު އަޅައިގެންކަމަށާއި އިޖުތިމާޢީ ގައިދުރުކަންވެސް ގެންގުޅެންޖެހޭނެ ކަމަށް ވަނީ ނިންމާފައެވެ.
ބައިޑަންގެ ކެމްޕެއިން ޓީމުގެ ސްޕޯކްސްމަން އެންޑްރޫ ބެޓްސް ވިދާޅުވީ ބަހުސްގައި ވޯޓުލާ މީހުންނަށް ސުވާލުކުރެވޭ ގޮތަށް އިންނަ ހަމައެކަނި ބުރުގައި ޓްރަމްޕް ބައިވެރިވުމަށް ދެކޮޅު ހެއްދެވުމަކީ ލަދުވެތިކަމެއް ކަމަށެވެ. އެހެންނަމަވެސް އެކަމާއި ހައިރާންނުވާ ކަމަށް އެންޑްރޫ ވިދާޅުވިއެވެ.
ޓްރަމްޕްގެ ބަލި ފަސޭހަވެފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް ވައިޓްހައުސްއިން ދެކޮޅުހަދާފައިވާއިރު، ޓްރަމްޕް ގެންދަވަނީ ކެމްޕެއިންގެ ކަންކަމަށް އެނބުރި ވަޑައިގަތުމަށް ވަރަށް ބޮޑަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު ވައިޓް ހައުސްގެ ބޭރުގައި ޓްރަމްޕްގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެ ދުވަސް ފަހުން ފްލޮރިޑާގައި ރެލީ އެއް ބޭއްވުމަށްވެސް ޓްރަމަޕް އަންނަނީ ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ.