ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އުމުރުން ދުވަސްވީ އަންހެނެއް ނިޔާވެއްޖެއެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އުމުރުން 58 އަހަރުގެ އަންހެނެކެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އެޑްމިނިސްޓްރޭޝަނުން ރާއްޖެއެމްވީއަށް މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.
އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19ށް ޕޮޒިޓިވްވެ ފަރުވާ ދޭން ފަށާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އަދި ނިޔާވީ ހޮނިހިރު ދުވަހުގެ ރޭ 3:55 ހާއިރު ކަމަށެވެ.
ރާއްޖެއިން މިހާތަނަށް މި ވައިރަސް ޖެހިގެން 31 މީހުން ނިޔާވެފައިވާއިރު މި އަންހެން މީހާ ނިޔާވެފައިވަނީ މި ބަލީގައިކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީން) އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ހަލުވިމިނެއްގައި ކޮވިޑްގެ ކޭސްތައް ފެތުރެމުންދާއިރު މިހާތަނަށް ރާއްޖެ އިން 9052 މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެ 7055ށް އަރާފައެވެ.
މިހާތަނަށް ރާއްޖޭގެ 30 ރަށަކުން 113 ކޭސް ފެނިފައިވާއިރު، މިވަގުތު އެކްޓިވް ކޭސް ފެނިފައިވަނީ 28 ރަށަކުންނެވެ. އެގޮތުން 28 ރަށުގައި 109 އެކްޓިވް ކޭސް އުޅޭ އިރު، މީގެ ތެރޭގައި ހިމެނެނީ 90 ދިވެހިންނާއި 18 ބިދޭސީންނެވެ. މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ގދ. މަޑަވެލި އަދި ހޯނޑެއްދޫއެވެ.