ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރެއިން 5 މީހަކަށް މިހާރު ވެސް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި 3 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ ނަޒްލާ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި 2 މީހުންނަށް އައިސީޔޫގައި ފަރުވާދެމުންދާއިރު 2 މީހުން ވެސް ތިބީ ވެންޓިލޭޓަރުގައި ކަމަށެވެ. ދެން އައިސީޔޫގައި ފަރުވާ ދެމުންދަނީ ހުޅުމާލެ ކޮވިޑް ފެސިލީޓީގައެވެ. އެތާނގައި 3 މީހަކަށް އައިސީޔޫގައި ފަރުވާދެމުންދާއިރު އެކަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި 3 މީހުންނަށް ފަރުވާ ދެމުންދާއިރު 20 ވަނަ ފަންގިފިލާގައި ވެސް އެކަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ޕްރައިވެޓް ވޯޑު 5 ގައި ދެމީހުންނަށް ފަރުވާދެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެއިތުރުން އަތޮޅު ތެރޭގައި ހުރި ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކަކަށް އޭދަފުށި ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދާއިރު ގއ ވިލިނގިލީގައި 4 މީހަކަށް ވޯޑްގައި ފަރުވާ ދެމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި 103 މީހުންނަށް ފަރުވާ ދެމުންދާއިރު 100 މީހުންނަށް ފަރުވާ ދެމުންދަނީ ވޯޑުގައި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އަންނަނީ 1960 މީހުންނަށެވެ. މީގެތެރެއިން 116 މީހަކަށް އެޑްމިޓް ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.