ޖުލައި މަހުގެ 12ން ފެށިގެން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 9 މީހަކަށް ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދީފައިވާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑޮކްޓަރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި އައިސީޔޫތަކާއި ވެންޓިލޭޓަރުގައި ޖުލައި މަހުގެ 12ން ފެށިގެން ފަރުވާ ދީފައިވާ މީހުންގެ ތަފާސް ހިސާބުތައް ވަނީ ދެއްވާފައެވެ. ޑރ ނަޒްލާ ވިދާޅުވީ މިހާތަނަށް އައިސީޔޫ އާއި ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ މީހުންގެ ޖުމްލަ އަދަދުތައް ފަހުން ހާމަ ކުރައްވާނެ ކަމަށެވެ.
ޖުލައި މަހުގެ 12ން ފެށިގެން 9 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާއިރު މީގެތެރެއިން 4 މީހަކު ވަނީ ނިޔާވެފައެވެ. 2 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު މިހާރު ވެސް 3 މީހަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ.
އަދި މި މުއްދަތުގައި ކޮވިޑް-19 ޖެހިފައިވާ 66 މީހަކަށް އައިސީޔޫގައި ފަރުވާ ދީފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ހާއްސަ ކޮށްގެން ސަރުކާރުން ވަނީ 145 ވެންޓިލޭޓަރެއް ރާއްޖެ ގެނައުމަށް ތިން ކުންފުންޏަކާއި ހަވާލުކޮށްފައެވެ. މިއީ ދައުލަތުން ގާތްގަނޑަކަށް 56 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ކުންފުނިތަކަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ "ސިންގަލް ސޯސް ޕްރޮކިއުމަންޓް" އުސޫލުންނެވެ.
އެގޮތުން 20 ވެންޓިލޭޓަރު ގެނައުމަށް ނާޑް ނަމަކަށް ކިޔާ ކުންފުންޏަކާއި، 50 ވެންޓިލޭޓަރު ގެންނަން މެޑްޓެކް ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. އަދި 75 ވެންޓިލޭޓަރު ގެންނަން ހަވާލު ކޮށްފައިވަނީ، ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ އެވެ. 75 ވެންޓިލޭޓަރ ހޯދުމަށް ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާއި ހަވާލު ކޮށްފައިވަނީ 02 އޭޕްރިލް 2020 ގަ އެވެ.
އެހެންނަމަވެސް ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކެއް ހޯދަން ކުރި މަސައްކަތުގެ ތެރެއިން ހެލްތް މިނިސްޓްރީގެ ބިޑް ކޮމެޓީން ވަނީ ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައި ކަމަށް އޮޑިޓް އޮފީހުން ކުރިޔަށް ގެންދިޔަ އޮޑިޓަކުން ވަނީ ހާމަވެފައެވެ. ކޮރަޕްޝަން ހިނގާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވަނީ 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ މެދު ހިނގާފައި ހުރި މުއާމަލާތްތަކުގައެވެ.
އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ މަސައްކަތް ހަވާލުކޮށްފައިވަނީ 34 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް ސަރުކާރުން ވަނީ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ އެޑްވާންސްކޮށް ދައްކާފައެވެ.
އެގްރީމަންޓްގައި 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ރާއްޖެ ގެނެވޭނެ ކަމަށް ބުނެފައިވާއިރު އެ މުއްދަތުގައި ރާއްޖެއަށް ވެންޓިލޭޓަރުތައް ލިބިފައެއްނުވެ އެވެ.
ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން ހަމަޖެހިފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވަނީ ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހު އެވެ.
މިއީ ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ. ކުރިން ރާއްޖެ ފޮނުވާފައި ހުރީ ހެލްތް މިނިސްޓްރީން ހުށަހެޅި މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.
މި މައްސަލާގައި ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އާއި ހަވާލު ކުރި ވެންޓިލޭޓަރު ނުލިބިއްޖެނަމަ އެ ފައިސާ ހޯދަން އާބިޓްރޭޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ.