ކޮވިޑް-19ގެ ބަލިން ފަސޭހަވި ނަމަވެސް ބައެއް އަލާމާތްތައް ތަންކޮޅެއް ގިނަ ދުވަހަށް ދިގުދެމިގެންދާ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މޫސާ މުރާދު ވިދާޅުވެވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ކޮވިޑްއާ ގުޅިގެން ވަރަށް ގިނަ މައުލޫމާތުތަކެއް މިހިސާބަށް އައިރުގަ އެއްކުރެވިފައިވާ ކަމަށާއި، އެންމެ ފުރަތަމަ ދުވަހާ ބަލާއިރު ކޮވިޑްއާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތައް މުޅި ދުނިޔެއަށް ވެސް ދަސްވެފައިވާ ކަމަށެވެ.
ބައެއް ދިރާސާތަކަށް އަލިއަޅުއްވާލައްވާ ޑރ.މުރާދު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބައެއް މީހުން ބަލިން ރަނގަޅުވުމަށްފަހު ބައެއް މައްސަލަތައް މެދުވެރިވާ ކަމަށެވެ. އެގޮތުން ބަލީގައި ފެންނަ އަލާމަތްތައް ފެންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
އެގޮތުން ވަރުބަލިވުމާއި، ނޭވާލުން އުނދަގޫވުމާއި، މޭގައި ރިއްސުމާއި، ގައިގައި ރިއްސުމުގެ އިތުރުން ހުޅުހުޅުގައި ރިއްސުން ފަދަ އަލާމަތްތައް ފެންނަ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލި ރަނގަޅުވުމަށްފަހު ގިނައިން ފެންނަ އަލާމަތްތަތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ވަރުބަލިވުމާއި، އައްސިވުން އަދި ކާހިއްނުވުން ފަދަ ކަންކަން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
އެގޮތުން ހަމަ ފާހަގަކޮށްލަން ޖެހެނީ ބަލީގަ ބަލީގެ ދުވަސްވަރު އެމީހުންނަށް އެދިމާވާ އަލާމާތްތައް ބަލިން ރަނގަޅުވި ކަމުގައި ވިޔަސް ބައެއް އަލާމާތްތައް ހަމަ ތަންކޮޅެއް ގިނަ ދުވަހަށް ދިގުދެމިގެން އެބަދޭ. ބައެއް ތަންތަނުގައި މީގެ ސްޓްޑީސްތައް ހަދާފަ ވެސް އެބަހުރި. ދެން ސްޓަޑީތަކުގެ ތެރެއިން ވެސް ފާހަގަކުރެވޭ ކަންތައްތަކަކީ ކޮވިޑް-19ގެ ބަލި މީހުންނަށް އެފެންނަ އަލާމާތްތަކުގެ ތެރެއިން މިސާލަކަށް ވަރުބަލިވުން މިއީ ވަރަށް ގިނައިން ވަރަށް ބޮޑަށް ވަރަށް ގިނަ ދުވަހަށް ދިގުދެމިގެންދާ އަލާމާތެއްގެ ގޮތުގައި ފާހަގަވެފައި އެބަހުރި.އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މޫސާ މުރާދު
ބައެއް އަލާމަތްތައް ދިގުދެމިގެންދާކަން ފާހަގަކުރައްވައި ޑރ. މުރާދު ވިދާޅުވީ މަދުން ނަމަވެސް ވަސް ނުދުވުމާއި ރަހަ ނުލުމުގެ އަލާމްތައް ފެންނަމުންދާ ކަމަށެވެ. އަދި މިއީ ދިރާސާތަކުން ފެންނަ ކަންކަން ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މުރާދު ވިދާޅުވީ ބަލިން ރަނގަޅުވާ މީހުންގެ ތެރެއިން ހަށިގަނޑަށް އަންނަ ބަދަލެއްގެ ސަބަބުން ބޮޑެތި ސިއްހީ މައްސަލަތައް ދިވާކަން އަދި ދެނެގަނެވިފައިނުވާ ކަމަށާއި، ކުރިއަށް އޮތްތާގައި މިފަދަ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.