ނ މަނަދޫގައި ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާއަށް ނަތީޖާ އަންގަން ގުޅިއިރު އެމީހާ ހުރީ ލަނޑާނަގާ ބަޔަކާއެކު ފީނަން ގޮސް ކަމަށް ނ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިސްމާއީލް ޝަފީގު ވިދާޅުވެއްޖެ އެވެ.
މަނަދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހުކުރު ދުވަހުގެ 19:39 ގައި މަނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައެވެ.
މަނަދޫ އިން ފެނުނު ކޭސްއާ ގުޅޭގޮތުން "ރާއްޖެ އެމްވީ" އަށް މައުލޫމާތު ދެއްވަމުން ޝަފީގު ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި މީހާގެ ރިލީސިންގ ސާމްޕަލް ނަގާފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެމީހާގެ ނަތީޖާ ހުކުރު ދުވަހުގެ އިރުއޮއްސުނު ހާއިރު އެޗްޕީއޭއިން ލިބިގެން އެކަން އަންގަން ގުޅިއިރު އޭނާ ހޯމް ކަރަންޓީނުގައި ހުރިކަމަށް އަންގާފައިވާ ގޭގައި ނެތް ކަމަށް ޝަފީގު ވިދާޅުވިއެވެ. އެހެންކަމުން އެކަން އެޗްޕީއޭއަށް އެންގުމުން ކޮންޓެކްޓް ޓްރޭސިންގ ގެ ކަންކަން ކުރިޔަށް ގެންދިޔުމަށް ރަށް މޮނިޓަރިންގ އަށް ލާފައިވާކަމަށް ޝަފީގް ވިދާޅުވި އެވެ.
ޝަފީގް ވިދާޅުވީ އެމީހާ ދީފައިވާ އެޑްރެސްގައި ނެތުމުގެ ސަބަބުން އެކަން އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށާއި ރަށު ކައުންސިލަށް އެންގި ކަމަށެވެ. އަދި އިތުރަށް އޭނާ އުޅޭ ތަނެއް ބެލިއިރު އޭނާ އުޅުނީ ލަނޑާ ނަގާ ބަޔަކާއެކު ފީނަން ގޮސް ކަމަށް ޝަފީގް ވިދާޅުވިއެވެ. ބަނދަރު ސަރަހައްދުގައި އެމީހުން ރަށަށް އަންނަންދެން ފުލުހުންނާއި ކައުންސިލުން ހަރަކާތްތެރިވެފައިވާ ކަމަށާއި މިކަން ފުލުހުން އިތުރަށް ބަލަމުން އަންނަކަމަށް ޝަފީގް ވިދާޅުވިއެވެ.
ޝަފީގު ވިދާޅުވީ ހޯމް ކަރަންޓީނުގައި ހުރި މީހާ ރަށުގެ ހޮޓާތަކަށާއި ކެފޭތަކަށް ވަންނަ ކަމުގެ މައުލޫމާތު އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި ސާމްޕަލް ނެގުމުގެ ކުރިންވެސް ގެއިން ބޭރުގައި އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝަފީގް ވިދާޅުވިއެވެ. އެރަށުން "ރާއްޖެ އެމްވީ" އާ ވާހަކަދެއްކި ބައެއް އާންމު ރައްޔިތުންވެސް ބުނެފައިވަނީ ރަށުގެ ކެފޭތަކުން އެމީހާ ފެނިފައިވާ ކަމަށެވެ. އަދި ހުކުރު ދުވަހު ހުކުރު ނަމާދަށްވެސް އޭނަ ދިޔަކަމަށް ބައެއް އާންމު ރައްޔިތުން މައުލޫމާތު ދެއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ ޕޮޒިޓިވްވި މީހާ ހުކުރު ދުވަހު ހުކުރު ނަމާދަށް ވެސް ގޮސްފައިވާ ކަމަށެވެ.
ޕޮޒިޓިވްވި މީހާ އަކީ ނ އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ސޮނެވާ ޖާނީން ކުއްލި ގޮތަކަށް ރަށަށް ފޮނުވާލި މީހެއް ކަމަށް ޝަފީގް ވިދާޅުވިއެވެ. އަދި އެމީހާ ރަށަށް އައިކަން ފުރަތަމަ ކައުންސިލަށްވެސް ނޭނގޭ ކަމަށާއި ފަހުން އެނގުމުން އޭނާ ހޯމް ކަރަންޓީނަށް ލީކަމަށް ޝަފީގް ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޯމް ކަރަންޓީނުގައި ހުރި ގޭގައި ވިއްސަކަށް މީހުން ދިރިއުޅެއެވެ.
ޝަފީގް ވިދާޅުވީ މިކޭސް އާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ކޮންޓެކްޓްވެފައި ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެޗްޕީއޭއިން އެކުލަވާލާފައިވާ ފުރަބަންދު ހޯމް ކަރަންޓީނުގައި އަމަލުކުރަން އޮންނަ އުސޫލަކީ 14 ދުވަސް ވަންދެން ގޭގައި ތިބުމެވެ. 14 ދުވަސް ވުމުން ސާމްޕަލް ނަގައި ނަަތީޖާ ލިބެންދެން ގޭގައި މަޑުކުރަން ޖެހެއެވެ. ކަރަންޓީނު ނިމުމަކަށް އަންނާނީ ސާމްޕަލް ނެގެޓިވްވުމުންނެވެ.