އިންސާނީއްޔަތަށްޓަކައި މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ދިވެހިން ރެޑް ކްރެސެންޓްގެ ސައިކޯ ސޯޝަލް ސަޕޯޓްގެ ކޯލް ސެންޓަރުގައި މަސައްކަތް ކުރަން 30 ވޮލެންޓިއަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ.
ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ހޮނިހިރު ދުވަހުގެ ކުރިން ރެޑްކްރެސެންޓްގެ ވެބްސައިޓް އަށް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ރެޑް ކްރެސެންޓުން ބުނީ، 18 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ވޮލެންޓިއަރަަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ރެޑް ކްރެސެންޓުން އަންނަނީ ދަރުބާރުގޭގައި ގާއިމްވެ ތިބެގެން މެދު ނުކެނޑި ނަފްސާނީ އެހީތެރިކަން ދެމުންނެވެ. ނަމަވެސް މިހާރު ކޯލް ސެންޓަރުގެ މަސައްކަތްތައް ކުރިޔަށް ދަނީ ''ރިމޯޓްކޮށް'' ގޭގައި ތިބެގެންނެވެ.
ރެޑް ކްރެސެންޓްގެ ސައިކޯ ޝޯޝަލް ސަޕޯޓް އޮޕަރޭޝަންސްގެ ޕްރޮގްރާމް އޮފިސަރު އަފާ މުހައްމަދު ''ރާއްޖެ.އެމްވީ'' އަށް ވިދާޅުވީ، ކޮވިޑުގެ ބަލި ފެތުރެެން މާލެއިން ފެނުނު ހިސާބުން ފެށިގެން އެ ޖަމްއިއްޔާއިން އަންނަނީ ނަފްސާނީ އަދި އިޖްތިމާއި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަންތައް ފޯރުކޮށްދެމުން ކަމަށެވެ. ކޯލް ސެންޓަރުގައި މަސައްކަތް ކުރަމުން އަންނަނީ އެކަަމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ފަރާތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ރެޑް ކްރެސެންޓުގެ ކޯލް ސެންޓަރުގައި މިހާރުގެ މަސައްކަތް ކުރަމުންދަނީ 20 ވޮލެންޓިއަރުންނާ އެކުއެވެ. އަދި މިހާތަނަސް 1000ށް ވުރެ ގިނަ ފޯލް ކޯލް ވަނީ ކޯލް ސެންޓަރަށް ލިބިފައެެވެ.
ކޮވިޑް-19 ގެ މި ހާލަތާއި ގުޅިގެން ވަރަށް ގިނަ ފަރާތްތަކަށް ނަފްސާނީ އަދި އިޖްތިމާއި އުދަގޫތައް ދިމާވޭ. ވަރަށް ގިނަ ބޭފުޅުންނަށް ހާސްވެ ކަންބޮޑުވުމާއި ނިދުމުގައި އުދަގޫތަކާއި އެއްބައި ބޭފުޅުންނަށް އެއްވެސް ކަމެއް ކުރާހިއްނުވެ މާޔުސްވެފައި ހުންނަ ކަހަލަ ގޮތްތަކެއް އެބަ ދިމާވޭ. އެހެންވިމަ މި ކަހަލަ އެކި ކަންކަމާއި ގުޅިގެން ކޯލްތައް އެބަ އާދޭ.ސައިކޯ ޝޯޝަލް ސަޕޯޓް އޮޕަރޭޝަންސްގެ ޕްރޮގްރާމް އޮފިސަރު - އަފާ މުހައްމަދު
އޭނާ ވިދާޅުވީ، ރެޑް ކްރެސެންޓުން އެންމެ ބޮޑަށް އިސްކަމެއް ދެނީ ގުޅާ ފަރާތްތަކުން އެ އެއްވެސް ދަތިކަމެއް ނެތި ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދެމުންދާ ކަމަަށެވެ. އަދި މިހާތަނަށް ހިދުމަތްތައް ހޯދާ ފަރާތްތަކުން ރަނގަޅު ''ފީޑް ބެކް'' އެއް ލިބެމުންދާކަން އަފާ ފާހަގަކުރެއްވިއެވެ.
ދިވެހި ރެޑް ކްރެސެންޓަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އެެހީތެރިކަން ފޯރުކޮށް ދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.