އިންޑިއާ އާއި ރާއްޖެއާ ދެމެދު ގޮތް ގުޅުމަށް ހިތްހަމަ ނުޖެހި އިންޑިއާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީންގެ މެމްބަރުން މަސައްކަތް ކުރަނީ ލިބޭ ވަކި ސިޔާސީ ފައިދާއެއް ހާސިލު ކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެމްބަރު ރޮޒެއިނާ ވިދާޅުވީ އިދިިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމާ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި، އިންޑިއާ ދެކޮޅަށް ނުކުމެ މަސައްކަތް ކުރަނީ ލިބޭ ވަކި ސިޔާސީ ފައިދާތަކެއް ހާސިލު ކުރުމަށް ކަމަށެވެ.
އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކުރައްވައި މެމްބަރު ރޮޒެއިނާ ވިދާޅުވީ ރާއްޖެއަށް އެހީވެދޭ ގައުމުތައް ކަމަށްވާ ޗައިނާ އަދި އިންޑިއާ އަށް އެއްޗެހި ކިޔަން ނުޖެހޭ ކަމަށެވެ. ގައުމުގެ ތަރައްގީ އަށް އެހެން ގައުމުތަކުން ކޮށްދޭ ކަންކަން ބަލައިގަންނަކަން މެމްބަރު ފާހަގަކުރެއްވިއެވެ.
''އިންޑިއާ އައުޓް'' ހޭޝްޓެގަށް އަލިއަޅުއްވާލައްވައި މެމްބަރު ރޮޒެއިނާ ވިދާޅުވީ މިކަމުގެ ސަބަބުން އިންޑިއާގެ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ކަމަށެވެ. އަދި މިއީ ރައްޔިތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ހޭޝްޓެގުން ވަނެ ކަމަކީ އިންޑިއާގެ ރައްޔިތުންގެ މެދުގައި ހަމަ ނުތަނަވަސްކަން އުފެދޭނެ ތެދެއްތޯ އިންޑިއާއިން އެހާ ބޮޑެތި އެހީތެރިކަން ރާއްޖެއަށް ވަމުންދާއިރު ރާއްޖޭގެ ރައްޔިތުން އެމީހުންނާ ދޭތެރޭގައި މިގޮތަށް ދެކޭ ކަމަށް ފެންނަ ކަމަށްވަންޏާ. ހަގީގަތުގައި ޕީޕީއެމްގެ ނުވަތަ އޮޕަޒިޝަންގެ މިޕާޓީތަކުގެ ބޭނުމަކީ އެގޮތަށް ވިޔަސް އިންޑިއާ ރުޅިއަރުވާލާގެން ވިޔަސް އިންޑިއާއިން އަޅުގަނޑުމެންނަށް މިހާރު އެފޯރުކޮށްދޭ އެހީތެރިކަން ހުއްޓުވާލުން. އެހުއްޓުވާލީމަ އަސްލު އެބޭފުޅުންނަށް އޭގެން ސިޔާސީ ގޮތުން ލިބޭ ފައިދާތަކެއްގެ ބޭނުމުގަ ހަގީގަތުގައި ރާއްޖެއަށް އަންނަން އޮތް ތަރައްގީއަށް ހުރަސްއެއަޅަނީ. އެއީ ރާއްޖެއަށް އެންމެ ހެޔޮ ނިޔަތުގައި ޕީޕީއެމް މީހުން ކުރާ ކަމެއް ނޫން.ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް
މެމްބަރު ރޮޒެއިނާ ވިދާޅުވީ ރާއްޖެއަށް އަންނަ ތަރައްގީ އަށް ހުރަސް އެޅުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށާއި، މިކުޅޭ ސިޔާސީ ގޭމާ ދޭތެރޭގައި ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ބޮޑެތި މަޝްރޫއުތައް ހިންގި ކަމަށާއި، އެގްރިމެންޓްތައް ވެސް ސިއްރު ކުރި ކަމަށެވެ. ނަމަވެސް މަޝްރޫއުތައް ހުއްޓުމަށް ހުރަސް ނާޅާކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ދެން ހަމަ ގައިމުވެސް އިންޑިއާއިން ވެސް ހަމަ ގައިމުވެސް ބޭނުމެއް ނުވާނެ އިންޑިއާގެ ކަނޑުގައި އިންޑިއާއާ ޖެހިގެން އޮތް ނެއިބަރ އަކީ ޗައިނާގެ އަތް ދަށުވެފައި ނޫނީ ޗައިނާގެ ހަބެއްގެ ގޮތުގައި ބަދަލުވެގެންދާކަށް. އެކަހަލަ ނުތަނަވަސްކަން ހަމަ ބޮޑެތި ގައުމުތަކުގަ ހުންނާނެ. އެއީ އަޅުގަނޑުމެން އެކަމުގެ ތެރެއަށް ވަދަގެން ދެގައުމުން ކުރެ އެއްވެސް ގައުމަކާ ދިމާލަށް އެއްޗެހި ކިޔަމުން ހިނގަން ޖެހޭ ސަބަބެއް ނޫން.ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް
މެމްބަރު ރޮޒެއިނާ ވިދާޅުވީ އިންޑިއާ ރާއްޖޭގެ ގުޅުން ބަދަހިވެގެން ދިއުމަކީ އިންޑިއާ އިން ރާއްޖެއަށް އަތް ގަދަ ކުރުން ނޫން ކަމަށެވެ. އަދި އިންޑިއާ އަކީ ގައުމުތަކުގެ މިނިވަންކަމަށް އަބަދު ވެސް ވަކާލާތު ކުރާ ގައުމެއް ކަމަށެވެ.