މާލޭގެ ނަރުދަމާ ނިޒާމަކީ އެއްކޮށް ފުރިފައި އޮންނަ ނެޓްވޯކެއްކަމަށާއި ނުގުޅޭ ބާވަތްތައް ދޫކޮށްނުލުމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިނގް ޑިރެކްޓަރ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހް ވިދާޅުވީ، މާލޭގެ ނަރުދަމާ ނިޒާމަކީ އަބަދު ޕަމްޕްތައް ޖެހި އެއްކޮށް ފުރިފައި އޮންނަ ބިޒީ ނެޓްވޯކެއްކަމަށާއި ކިރިޔާވެސް ކުރެވޭ ކަމަކުން އޮވަރފްލޯ ވެ މަގުމައްޗަށް ނަޖިސް އެރުމަކީ ވަރަށް ގާތްކަމެއްކަމަށެވެ. ޝާހް ވިދާޅުވީ އޮއިލް ޓްރެޕް ނުލައި ބައެއް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ނަރުދަމާ ނިޒާމަށް ސީދާ، ނުގުޅޭ ބާވާތްތައް ދޫކުރަމުން ދާކަމަށެވެ.
އަދި މިކަމުގެ ސަބަބުން މަގުމައްޗަށް ނަޖިސް ފެން ބޭރުވުމުގެ ގިނަ މައްސަލަތަކެއް ދިމާވާކަމަށާއި މައްސަލަތައް ދިމާނުވާނެ ގޮތް ހެދުމަށް ރައްޔިތުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ރާވާފައިވާކަން ޝާހު ފާހަގަކުރެއްވިއެވެ.
މާލޭގައި މަގުތަކަށް ނަޖިސް ބޭރުވާ މައްސަލައާއި ފެންބޮޑުވާ މައްސަލައަކީ ފަހަކަށް އައިސް ވަރަށް ބޮޑު މައްސަލައެކެވެ. މައްސަލަ ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީން ދަނީ ޕަމްޕްތައް އަޕްގްރޭޑް ކުރުމާއި އަދި އެހެނިހެން މަސައްކަތްތަކެއް ކުރަމުންނެވެ.