ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި ދާއިރާތަކުގެ މެދުގައި ތާފާތު ކުރުން ގެންގުޅޭ މައްސަލައިގައި ދެ ވަޒީރަކާއި ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ނިންމަވައިފިއެވެ.
މި މައްސަލައިގައި މެމްބަރު ސުވާލު ކުރައްވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއަށާއި ހައުސިންގް މިނިސްޓަރ މުޙައްމަދު އަސްލަމް އާއެވެ.
މިނިސްޓަރ އަސްލަމް އާއި މެމްބަރު ވަނީ ތިން ސުވާލެއް ކުރައްވާފައެވެ.
އެއީ "ލ. ފޮނަދޫ މަގު ހެދުން -ފޭސް 2" ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮވެ، 2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގެ ޕްރޮޖެކްޓްގައި ސޮއި ކުރީ ކޮން އުސޫލަކުންތޯއެވެ.
ސިރާޖު ވިދާޅުވީ އެއީ ލ. ފޮނަދޫ މަގު ހެދުން ފޭސް 2 ޕްރޮޖެކްޓަކީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރަށް ފާސް ކޮށްފައިވާ ދަޢުލަތުގެ ބަޖެޓްގައިހިމަނާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސް ދިނުން އެދި ތަފާތު އެކި ފަހަރު މަތިން އެދިފައިވާނެ ކަމަށެވެ.
ދެން މެމްބަރު ކުރައްވާފައިވާ ސުވާލުތަކަކީ ލ. ފޮނަދޫގެ މަގު ހެދުމުގެ ފޭސް 2 ޕްރޮޖެކްޓް ހިންގުމަށްވުރެ ބިމުގެ ގޮތުން މާބޮޑު ތަނުން ކުޑަ އަދި ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގުހެދުމުގެ ޕްރޮޖެކްޓަށް އިސްކަންދޭންޖެހުނީ ކީއްވެގެން ތޯއާއި ކޮވިޑް-19 ގެ ސަބަބުން ޕްރޮޖެޓްތަކުގައި ސޮއި ކުރުން މަޑު ޖައްސާލައިފައިވާ ވަގުތެއްގައި 37,871,786.00 (ތިރީސް ހަތް މިލިއަން އަށްލައްކަ ހަތްދިހަ އެއްހާސް ހަތްސަތޭކަ އަށްޑިހަ ހައެއް) ދިވެހި ރުފިޔާ ހަރަދު ކުރާގޮތަށް އިސްކަމެއްދީގެން ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއި ކުރަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ. އަދި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލާއި ގުޅިގެން ވަނީ ސުވާލު ކުރައްވާފައެވެ.
ފިނޭންސް މިނިސްޓަރ އާއި ކުރުމަށް ސިރާޖު ހުށައަޅުއްވާފައިވާ ސުވާލަކީ "ލ. ފޮނަދޫ މަގު ހެދުން -ފޭސް 2" ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮވެ، 2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގެ ޕްރޮޖެކްޓްގައި ސޮއި ކުރީ ކުރަން ހުއްދަ ދެއްވީ ކޮން އުސޫލަކުންތޯއެވެ. އަދި ދުވާފަރު މަގު ހެދުމުގެ ޕްރޮޖެކްޓް ފޭސް 2 ގައި ސޮއި ކުރަން ހުއްދަ ދެއްވި ސަބަބަކީ ކޮބައިތޯ އާއި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯއެވެ.