ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާގެ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕުން ރާއްޖެ އަށް ހަދިޔާ ކުރި ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އަދި މެޑިކަލް ސަޕްލައިސްއާ ދިވެހި ސަރުކާރުން ހަވާލުވެއްޖެއެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފޮރިން މިނިސްޓްރީން ބުނީ މިތަކެތި ދިވެހި ސަރުކާރާއި ހަވާލުކޮށްދެއްވީ ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ޕްރޮޖެކްޓް މެނޭޖަރ ލީ ހުއާންބިން އާއި، ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ޝީ ވަންޗުން ކަމަށެވެ.
ބުރާސްފަތި ދުވަހު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި ތަކެއްޗާއި ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދިނެވެ.
މިނިސްޓްރީން ބުނީ އެ ކުންފުނިން ހަދިޔާ ކުރި 20 ހާސް މެޑިކަލް މާސްކް، 10 ހާސް މެޑިކަލް ގްލަވްސް އަދި 500 ޕީޕީއީގެ ސަބަބުން ކޮވިޑް-19 އާ ދެކޮޅަށް ފްރަންޓްލައިންގައި ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށާއި ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކޮވިޑް-19 އިން އަރައިގަތުމަށާއި، ކޮވިޑް-19ގެ ސަބަބުން ދެ ގައުމުގެ އިތުރުން މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ޗައިނާއާއެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19 އާ ކުރިމަތިލާފައިވާ މި ދުވަސްވަރު ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށްޓަކައި ޝަންހާއީ ކޮންސްޓްރަކްޝަން ގްރޫޕަށާއި، ޗައިނާ ސަރުކާރަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.