ގދ. މަޑަވެލި މޮނިޓަރިންގ ގެ ހާލަތުގައި ވަނިކޮށް ހުއްދަ ނުހޯދާ އެ ރަށުން ފޭބި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ ރަށް މޮނިޓަރިންގ ގެ ހާލަތުގައި އޮއްވާ ހުއްދަ ނުހޯދާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާއި ޚިލާފަށް ރަށުން ފުރައިގެން ބ ދޮންފަނަށް އެރި މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު ކޮށްފައިވަނީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މީހާ ހައްޔަރު ކުރީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު 19:20 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މަޑަވެލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ސެޕްޓެމްބަރ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެރަށް މޮނިޓަރިން އަށް ގެނެސްފައިވަނީ ކޯސްވޭއަކުން ގުޅިފައިވާ ހޯނޑެއްދޫ އިން ކޮވިޑް19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
ގދ. ހޯނޑެއްދޫ އަކީ މާލެ ފިޔަވައި އެންމެ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ރިޕޯޓް ކުރަމުން އަންނަ ރަށެވެ. އެރަށުން 36 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.