މ. ވޭވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނުހަނު ބާރަށް ކުރިއަށް އެބަދެއެވެ.
މި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 39 އިންސައްތަ މިހާރު ވަނީ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެއެވެ.
މި މަޝްރޫޢުގެ ތެރެއިން ކޮންކްރީޓް ފާރެއް ރޭނުމުގެ 39 އިންސައްތަ މަސައްކަތާއި، މޫރިންގ ރިންގްސް ހަރުކުރުމުގެ 20 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ މެންބަރ މުހައްމަދު ނަޒީހް ވިދާޅުވީ އެ ރަށު ރައްޔިތުންނަށް ނުހަނު އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. ބަނދަރުގެ މައްސަލަ އަކީ އެ ރަށަށް ދިމާވެފައިވާ ބޮޑު މައްސަލަ އަކަށް ވީއިރު މިހާރު ކުރިއަށްދާ މަޝްރޫއު އާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި މި މަޝްރޫއު ނިމުމުން ރައްޔިތުންނަށް ފަަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ.