ވިސްލްބްލޯ ކުރުމާބެހޭ ޤާނޫނުގެ ދަށުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެކުލަވާލާފައިވާ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ އާއި ލީގަލް ޑިޕަރޓްމަންޓުން އިންތިޒާމްކޮށްގެން އޮފިސަރުންނަށާއި މުވައްޒަފުންނަށް އެ ޤާނޫނާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ހިންގަން ފަށައިފިއެވެ.
މި ސެޝަންތަކުގެ މަގްސަދަކީ މި ޤާނޫނުގެ ދަށުން މަތި ކުރާ މަސްއޫލިއްޔަތުތަަކަށް އޮފިސަރުންނާއި މުވައްޒަފުން ހޭލުންތެރި ކުރުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ބުނެއެވެ.
އެގޮތުން ހެޑް އޮފީހުގެ އަދި ހުޅުމާލޭ ޖަލުގެ އޮފިސަރުންނަށާއި މުވައްޒަފުންނަށް ސެޝަންތައް ނިންމާފައިވާއިރު، މާފުށީ ޖަލުގައި އޮންލައިންކޮށް ހަތަރު (4) ސެޝަން ވަނީ ހިންގާފައެވެ.
މިހާތަނަށް 150ށް ވުރެ ގިނަ އޮފިސަރުންނާއި މުވައްޒަފުން މި ސެޝަންތަކުގައި ބައިވެރިވެފައިވެއެވެ.
ކުރިއަށް އޮތްތާނގައި މާފުށީ އައްސޭރި ޖަލާއި މާލެ ޖަލުގައި ވެސް މި ޤާނޫނަށް ހޭލުންތެރި ކުރުވުމުގެ ސެޝަންތަކެއް ހިންގާނެ ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.
މި ސެޝަންތަކުގައި ވިސްލް ބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ އަށް ހުށަހެޅޭނެ މައްސަލަތަކުގެ ބާވަތާއި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ދާނެ ގޮތް ވަނީ ބައިވެރިންނަށް ކިޔާ ދީފައެވެ.
ވިސްލްބްލޯވަރުން ހިމާޔަތް ކުރުމުގެ ގޮތުން އެއްވެސް ހާލަތެއްގައި އެ ފަރާތްތަކުގެ ޒާތީ އަދި އެހެނިހެން މަޢުލޫމާތު ހާމަ ނުކުރެވޭނެކަން ވަނީ ވަކިން ފާހަގަކޮށްފައެވެ. އަދި މައްސަލަ ހުށަހެޅޭނެ ގޮތްތައް އޮފިސަރުންނަށާއި މުވައްޒަފުންނަށް ވަނީ ކިޔާދީފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.