ކ. މާލެ
|
9 ސެޕްޓެންބަރ 2020 | ބުދަ 22:58
2018 ވަނަ އަހަރު 33،356 ރޭޕް ކޭސް އިންޑިއާގައި ވަނީ ރިޕޯޓްކޮށްފައި
2018 ވަނަ އަހަރު 33،356 ރޭޕް ކޭސް އިންޑިއާގައި ވަނީ ރިޕޯޓްކޮށްފައި
ބީބީސީ
އިންޑިއާ
އަނެއްކާ ވެސް ރޭޕްގެ މައްސަލައެއް، މިފަހަރު އުމުރުން 86 އަހަރުގެ ދުވަސްވީ އަންހެނެއް!
ރޭޕް ކުރި މީހާ ފުލުހުން ވަނީ ހައްޔަރުކޮށްފައި
ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހެއް
އިންޑިއާގެ މިފަދަ މައްސަލަތައް ގިނައިން ފެންމަތިވޭ

އިންޑިއާގައި ރޭޕް ކޭސް އަހަރަކުން އަހަރެއްގެ މައްޗަށް އިތުރުވަމުންދާއިރު، އެއްބައި ކޭސްތަކުގެ ވާހަކަ އަޑު އަހާލުމުން ހިތަށް އަސަރު ކުރެއެވެ. ގިނަ ފަހަރަށް ރޭޕްގެ ޝިކާރައަކަށްވާ މީހާއަށް އިންސާފު ނުލިބި، މައްސަލަ ރިޕޯޓު ކުރާ މީހާގެ ބޮލުގައި އެތަކެއް ބަދުނާމުތަކެއް އެޅި، ކޯޓުގައި އިންސާފު ހޯދުމަށްޓަކައި އެތައް އަހަރެއް ހޭދަވެގެންދެއެވެ. އެހެންނަމަވެސް މިފަދަ މައްސަލަތަކުގައި އިންސާފު ލިބެނީ މަދު ފަހަރެއްގައެވެ.

އިންޑިއާގައި އަންހެނުން ކުރިމަތިލާން ޖެހޭ ކަންތައްތަކުގެ ތެރެއިން ރޭޕް އަކީ ހަތަރު ވަނަ އަށް، އެންމެ ގިނައިން އަންހެނުން ކުރިމަތިލާން ޖެހޭ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ. 2018 ވަނަ އަހަރު އާންމުކޮށްފައިވާ ނެޝެނަލް ކްރައިމް ރެކޯޑްސް ބިއުރޯ އިން ދައްކާ ގޮތުން އެ އަހަރު 33،356 ރޭޕް ކޭސް ވަނީ އެ ޤައުމުގައި ރިޕޯޓްކޮށްފައެވެ. އިންޑިއާގައި މި ކުށަށް އަރައި ގަންނަ މީހުންގެ ނިސްބަތް އިތުރުވި ނަމަވެސް ރޭޕް ފަދަ އަމަލުތަކުގެ ޝިކާރައަކަށްވާ މީހުން، އެކަން ފުލުހުންނަށް އަންގާ ރިޕޯޓު ކުރަން ބޭނުންނުވަނީ ގިނަ ފަހަރަށް އެ މީހުން "ޖެހިލުންވާތީ" ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން ރޭޕްގެ ކޭސްތައް އިންޑިއާގައި ގިނަވި ނަމަވެސް ތަފާސް ހިސާބުތަކުން އެކަން އެންމެ ފުރިހަމައަށް ފެންނާކަށް ނުހުރެއެވެ.

އަނެއްކާ ވެސް އިންޑިއާގައި މިވަނީ ހައިރާން ކޮށްލާވަރުގެ ރޭޕްގެ މައްސަލައެއް ފެންމަތިވެފައެވެ. މިފަހަރު ފެންމަތިވެގެން ދިޔައީ 86 އަހަރުގެ އުމުރުން ދުވަސްވީ މީހަކު ރޭޕް ކުރި މައްސަލައެވެ. މި މައްސަލަ އާންމުންނާ ހަމައަށް ތިލަވީ ހެޑް އޮފް ދިއްލީ ކޮމިޝަން ފޮރ ވުމެން ސްވާތީ މަލިވާލް ކިޔައި ދިނުމުންނެވެ. އެގޮތުން ބީބީސީ ނިއުސް އަށް ދިން އިންޓަވިއެއްގައި އޭނާ ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރު 7 ވަަނަ ދުވަހުގައި ކަމަށެވެ. ސްވާތީ ބުނީ އެހެން ދުވަހެކޭ ވެސް އެއްފަދައިން އެ މާމަ ގޭ ދޮރުމައްޗަށް ނިކުތީ ކިރު ގެނެސްދޭ މީހާގެ އިންތިޒާރުގައި ކަމަށެވެ. ނަމަވެސް ގޭ ދޮރުމަތީގައި މަޑުކޮށްގެން ހުރެ ހުރެ ވެސް އެމީހާގެ ހިލަމެއް ނުވި ކަމަށެވެ. އެހެން ހުއްޓާ އެ މާމަ ނުވެސް ދަންނަ މީހަކު އައިސް، ކިރު ގެނެސްދޭ މީހާ އެ ދުވަހު ނާންނާނެ ކަމަށް ބުނި ކަމަށެވެ. އެހެންކަމުން މާމަ އަށް އެހީތެރިވެދިނުމަށް އޭނާ ހުށަހެޅިއެވެ. އެމީހާއަށް އިތުބާރު ކުރުމަށްފަހު މާމަ އެމީހާގެ ފަހަތުން ދިޔަ ކަމަށާއި މާމައަށް އޮޅުވާލައިގެން އެ ފިރިހެން މީހާގެ ފާމް ހައުސްއަށް ގެންދިޔަ ކަމަށެވެ. އެއަށްފަހު އެ މާމަ ރޭޕް ކުރި ކަމަށް ސްވާތީ އިންޓަވިއުގައި ބުންޏެވެ. ރޭޕް ކުރަމުން ދިޔައިރު ވެސް އެމީހާގެ ވަކިތަކުން ސަލާމަތްވުމަށްޓަކައި އެ ނިކަމެތި މާމަ އެތަކެއް އާދޭހެއް ކުރަމުން ދިޔަ ކަމަށާއި ނަމަވެސް "އެ ރަހުމް ކުޑަ" މީހާ އެ އާދޭސްތަކަށް ބީރުކަންފަތެއް ދިން ކަމަށް ސްވާތީ ބުންޏެވެ.

އެ މާމަ ދިޔައީ ރޮއެ އާދޭސް ކުރަމުން އޭނަ ދޫކޮށްލުމަށް އެދި. އެ އަންހެން މީހާ ބުނަން ވެސް ބުނި. ތިމަންނަ މިއީ މާމައެއް ކަހަލަ މީހެކޭ. ދޫކޮށްލާށޭ. އެކަމަކު ވެސް އެ އާދޭސްތައް އަޑެއް ނޭހި. އެ މާމަ ވަރަށް އާދޭސް ކުރި. އެ މާމަގެ ރޯ އަޑު އެހީ ވިލެޖް ކައިރިން ދިޔަ ބަޔަކު. އެ މީހުން ފުލުހުންނަށް ގުޅާ އެމީހާ ހަވާލުުކުރީ. މިހާރު އެމީހާ ވަނީ ފުލުހުންގެ ހައްޔަރުގައި.
ބީބީސީ އަށް ދިން އިންޓަވިއުގައި ސްވާތީ ބުނި

އަންގާރަ ދުވަހު އެ މާމަ އާއި ބައްދަލުކުރުމަށްފަހު ސްވާތީ ބުނީ އެ ވާހަކަތައް އަޑުއިވުމުން ހިތްދަތިވެ، ހިތް ފަޅައިގެން ދިޔަ ކަމަށެވެ. މި ހާދިސާގެ ސަބަބުން އެ މާމަ އަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަަސަރުކޮށްފައިވާއިރު ސަލާމަތްވުމަށް ކުރި މަސައްކަތުގެ ނިޝާންތައް މޫނާއި ހަށިގަނޑުގެ އެކި ތަންތާނގައި ފެންނަން ހުރި ކަމަށް ސްވާތީ ބުންޏެވެ.

މާމަ ރޭޕް ކުރި ފިރިހެން މީހާ އަށް ވީހާ ވެސް އަވަހަކަށް މަރުގެ ހުކުމް ތަންފީޒް ކުރުމަށް ގޮވާލާ ސްވާތީ ވަނީ އެ އިންސާނިއްޔަތުކަމެއް ނެތް ރަހުމްކުޑަ އަމަލު ހިންގި ފިރިހެން މީހާ އަށް ހައްޤު އަދަބު ވިހާވެސް އަވަހަށް ދިނުމަށް ގޮވާލާފައެވެ. ސްވާތީ ބުނީ މި މައްސަލަ އަވަހަށް ތަހުޤީޤުކޮށް ކުރިއަށް ގެންގޮސް ދިނުމަށް އެދި ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި އޭނާ އަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

އިންޑިއާގައި ރޭޕްގެ ގިނަ މައްސަލަތައް ފެންމަތިވި ނަމަވެސް މީޑިއާތަކަށް ރިޕޯޓް ކުރެވިގެންދަނީ މިފަދަ މަދު މައްސަލައެކެވެ. މީގެ ކުރިން އިންޑިއާގައި ވަނީ މުޅި ދުނިޔެ ސިއްސުވާލި ފަދަ ހާދިސާއެއް ހިނގާފައެވެ. އެގޮތުން 2012 ވަނަ އަހަރު ހިނގި މި ހާދިސާގައި 6 މީހަކު ވެގެން ވަނީ އުމުރުން 23 އަހަރުގެ ޖޯތީ ސިންގ (ނިރްބަޔާ) ދުއްވަމުން ދިޔަ ބަހެއްގެ ތެރޭގައި ރޭޕް ކުރުމަށްފަހު މަގުމައްޗަށް އެއްލާލާފައެވެ. ނިރްބަޔާ މަރުވެފައިވަނީ ލިބުނު ސީރިއަސް ޒަހަމްތަކަށް ސިންގަޕޫރުގައި ފަރުވާދެމުންދަނިކޮށެވެ. 8 އަހަރު ފަހުން މި މައްސަލާގައި އިންސާފު ވަނީ ލިބިފައެވެ. އެގޮތުން ނިރްބަޔާ ރޭޕް ކުރިކަމުގެ ކުށް ސާބިތުވި 4 މީހަކު ވަނީ ދަންޖައްސާ މަރާލާފައެވެ. މި މައްސަލައިގައި ދެން ތިބި 2 މީހުންގެ ތެރެއިން އެކަކު ވަނީ ޖަލުގައި ބަންދު ކޮށްފައި ހުއްޓާ އަމިއްލައަށް މަރުވެފައެވެ. އަދި މި މައްސަލައިގައި ދެން ހިމެނޭ 18 އަހަރުނުވާ ކުއްޖާވަނީ އަދަބު ފުރިހަމަ ކުރުމަށްފަހު 2015 ވަނަ އަހަރު ދޫކޮށްލާފައެވެ.

- ކޮމެންޓް