ދުބާއީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ އިން ފޮނުވި މޮބައިލް ވެންޓިލޭޓަރުތައް ޗެކް ކުރުމަށްފަހު، ކޮވިޑް ފެސިލިޓީތަކަށް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ވެންޓިލޭޓަރުތައް ގެނައުމަށް އެގްޒެކިއުޓާސް ކުންފުންޏާއެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާއަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ، މިދިޔަ ހަފްތާގައި އެގްޒެކިއުޓާސް އިން ރާއްޖެ ފޮނުވި 10 މޮބައިލް ވެންޓިލޭޓަރު ހެލްތު މިނިސްޓްރީގެ ބަޔޯ މެޑިކަލް އިންޖިނިއަރުންގެ ޓީމުން ބަލާފައިވާ ކަމަށެވެ. އަދި އެ މެޝިންތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އިންޖިނިއަރުންގެ ޓީމުން ނިންމާފައިވާ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން 10 މޮބައިލް ވެންޓިލޭޓަރު ގެނެސްފައިވާއިރު، ބާކީ ހުރި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭގޮތުން ތަސްލީމާ ވިދާޅުވީ، އެކަން މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެ ވެންޓިލޭޓަރުތައް ސީދާ ލިބޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބަޔޮ މެޑިކަލް އިންޖިނިއަރުން ބަލާފަ ޗެކް ކޮށްފަހުރީ. އެ އެއްޗެހި ހުރީ ބޭނުންކުރެވޭ ހާލަތުގައި. ކޮންމެ އެއްޗެއްވެސް ވަކިވަކިން ބަލާފައި ޓެސްޓުކުރީ. ދެން މި މެޝިންތަކަކީ ކުދި މޮބައިލް އެއްޗިއްސަވީމަ މިބަލަނީ އޭރުވެސް ނިންމި ގޮތަށް ކޮވިޑް ފެސިލިޓީތަކަށް ފޮނުވަން. ބައެއް ސަރަހައްދުތަކަށް އެބަހުރި ޗެރިޓީގެ ގޮތުގައިވެސް ވެންޓިލޭޓަރު އެކި ފަރާތްތަކުން ހަދިޔާކޮށްފަ. އެގޮތުން ފޮނުވަންޖެހޭ ތަންތަން ބަލައި އެކަން ކުރުމަށް މިދަނީ ތައްޔާރުވަމުން."ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން
އެގްޒެކިއުޓާސް އިން ރާއްޖެ ފޮނުވި 10 މޮބައިލް ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ. މިއީ ހެލްތް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ފޮނުވި ވެންޓިލޭޓަރުތަކުގެ ބަދަލުގައި ފޮނުވާފައިވާ ވެންޓިލޭޓަރު ތަކެކެވެ. ކުރިން ރާއްޖެ ފޮނުވާފައި ހުރީ ހެލްތް މިނިސްޓްރީން ހުށަހެޅި މިންގަނޑުތަކަށް ނުފެތޭ ވެންޓިލޭޓަރުތަކެކެވެ.
މޮބައިލް ވެންޓިލޭޓަރަކީ އެއްތަނުން އެއްތަނުން އަނެއް ގެންދިއުމުގައި ވެސް ފަސޭހަ ވެންޓިލޭޓަރުތަކެކެވެ. އެހެންކަމުން ރަށަކުން ހާލުބޮޑު ބަލި މީހަކު ކޮވިޑް ފެސިލިޓީއަކަށް ގެންދާނަމަ މި ވެންޓިލޭޓަރުގެ ބޭނުން ކުރާނެއެވެ.