ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އައިއިރު މޯލްޑިވިއަން މެދުވެރިކޮށް 6,732 މީހުން އަނބުރާ އެ ގައުމަށް ފޮނުވާލައިފިއެވެ.
ބުދަ ދުވަހުގެ މެންދުރު ފަހުގެ ފްލައިޓަކުން ބަންގްލަދޭޝްގެ 200 މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ސަރުކާރުން އަންނަނީ ދެމުންނެވެ. އެގޮތުން ބުދަ ދުވަހު ފުރާފައި މިވަނީ ސެޕްޓެމްބަރ މަހު ބަންގްލަދޭޝް މީހުން ގޮވައިގެން ދިޔަ ފުރަތަމަ ފްލައިޓެވެ.
މިދިޔަ އޮގަސްޓްމަހު ވަނީ 1551 މީހުން އަނބުރާ ފޮނުވާލާފައެވެ. ބުދަ ދުވަހު ފުރާފައިމިވަނީ ބަންގްލަދޭޝްގެ މީހުން ގެންދާ 35 ވަނަ ފްލައިޓެވެ.
ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުންނެވެ. މި ލޮކްޑައުން ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2500ށް ވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ލައްކައަކާއި ގާތް ކުރާ އަދަދަކަށް ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެވެ.