ނ. އަތޮޅުގެ މަނަދޫ ހޮސްޕިޓަލުގައި އަލަށް ކުރި ކަށީގެ އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ރާއްޖެޓީވީއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ނ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އިސްމާއިލް ޝަފީގު ވިދާޅުވީ އަންގާރަ ދުވަހު އެ ހޮސްޕިޓަލުން ކަށީގެ ދެ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އަދި ދެ އޮޕަރޭޝަން ވެސް ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ ކަމަށް ޝަފީގު ހާމަކުރިއެވެ.
އޮޕަރޭޝަންގެ ތަފްސީލު ދެމުން ޝަފީގު ވިދާޅުވީ ފުރަތަމަ ކުރެވިފައިވަނީ ކާޕަލް ޓަނަލް ރިލީޒް ނަމަކަށް ކިޔާ އޮޕަރޭޝަނެއް ކަމަށެވެ. މިއީ އަތުގެ އޮޕަރޭޝަންއެކެވެ. އަދި ދެވަނަ އަށް ކޮށްފައިވަނީ ވައަތު ފައިގެ އޮޕަރޭޝަން އެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަން އަކީ ގެންގްލިއޯން ސިސްޓު ރިމޫވަލް ނަމަކަށް ކިޔާ އޮޕަރޭޝަނެކެވެ.
މި ދެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމާލެވިފައިވަނީ ހދ. ކުޅުދުއްފުށި ސިޓީން އެ ރަށަށް ޒިޔާރަތް ކުރި ކަށީގެ އޮޕަރޭޝަން އަށް ޙާއްސަ ޑޮކްޓަރެއްގެ އެހީ އާއެކުގައި ކަމަށް ޝަފީގު ވިދާޅުވިއެވެ.
ޝަފީގު އިތުރަށް ވިދާޅުވީ ކުޅުދުއްފުށިން ޑޮކްޓަރެއް ޒިޔާރަތް ކުރާ ވާހަކަ އިއުލާން ކުރުމުން ނ. އަތޮޅުން 100ށް ވުރެއް ގިނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓު ކުރި ކަމަށާއި ޑޮކްޓަރު ޒިޔާރަތް ކުރީ އެންމެ ތިން ދުވަހަށް ކަމަށްވުމުން އެހާ ގިނަ ބަލި މީހުން ބެލޭނެ އިންތިޒާމު ހަމަނުޖެހުނު ކަމަށެވެ.
އަދި ޑޮކްޓަރަށް ދެއްކުނު 45 މީހުންގެ ތެރެއިން އޮޕަރޭޝަން ކުރަން އެންމެ މުހިންމު ކަމަށް ޑޮކްޓަރަށް ފެންނަ ތިން މީހެއް ހޮވާ ތިން މީހެއްގެ އޮޕަރޭޝަން ކުރަން ނިންމި ކަަމަށް ޝަފީގު ވިދާޅުވިއެވެ. ނަމަވެސް ކަން ދިމާ ކުރި ގޮތުން ތިން މީހުންގެ ތެރެއިން އެކަކަށް ނާދެވުނު ކަމަށެވެ.
ޝަފީގު ވަނީ މި އެޕްރޭޝަން ކާމިޔާބު ކަމާއެކީގައި ކުރިއަށް ގެންދިޔުމަށްޓަކައި އެހީތެރިވެދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރައްވާފައެވެ.