އިކޮނޮމިކް މިނިސްޓަރ މަގާމުން އެކަހެރިވުމަށް ފެންނަކަމަށާއި އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފަށް އެޑްރެސްކުރައްވައި ރައީސް ނަޝީދު ލިޔުއްވާފައިވާ ސިޓީގައި އެމަނިކުފާނު ވިދާޅުވީ، ދުރުގައި ހުރި ނަމަވެސް ސިޓީގެ އުނދަގޫ އަރުވަން ޖެހުނީ އެވަގުތެއްގައި ދަންނަވަންޖެހޭ ވާހަކައެއް އޮތުމުން ކަމަށެވެ. އެގޮތުން، އެމްޑީޕީގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޙަވާލުވެވަޑައިގަތްހުންނެވި މިނިސްޓަރ ފައްޔާޒް އިސްމާޢިލް މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށާއި އެއީ އެމްޑީޕީގެ ރައީސްގެ ނަޒަރުން ދެކޭއިރު ޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައިކަމަށް ސިޓީގައިވެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނޯންނާކަމަށެވެ. އަދި އެއްވެސް މިނިސްޓަރަކާއި ޒާތީ މައްސަލައެއް ނޯންނާނެކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ސާފު ޕާޓީއެއްގެ ގޮތުގައި ވަރަށް ގިނަބަޔަކުދެކޭ، ރާއްޖޭގެ އާބާދީގެދެބައިކުޅަ އެއްބައިހާ މީހުން ތާއީދުކޮށް ވޯޓުދޭ ރާއްޖޭގައި އޮތް އެންމެ ދުވަސްވީ އަދި ކިތަންމެ އިންތިޚާބެއް ކާމިޔާބުކޮށްފައިވާ ޕާޓީއެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އެންމެ ފުރުތަމަ ކުރު ވެރިކަން ނިމިދިޔައިރުވެސް ޕާޓީގެ އެންމެ ސާފު އެއް ސިފައަކީ، ޕާޓީގެ މަޤާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ ޢަމަލުތައް މަދުކަންްކަމަށެވެ. ޕާޓީގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ 7 އަހަރު ތެރޭގަވެސް ޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކަކަމަށާއި މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕާޓީ އިން ޙަވާލުވެފައިވަނީ ސިޔާސީ މަސައްކަތްކަމަށާއި ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރ ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވަނީ މިނިސްޓަރ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ނިކުމެ ހުރީ ވޯޓު އަދަދު ގިނަކުރަން ނޫންކަމަށެވެ. މަސައްކަތް ކުރަމުން ދަނީ ޕާޓީގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކަމަށާއި ޕާޓީގެ ހުރިހާ މެމްބަރުންވެސް އެކަމަށް ވިސްނެވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.