ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރުގެ މާލީ ބަޔާން ހުށަހެޅުން ލަސްވަނީ ކޮވިޑާ ގުޅިގެން ބައެއް މައުލޫމާތު ހޯދުމުގައި ދަތިތަކެއް ހުރުމުން ކަމަށް ޑީއާރްޕީން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ދަށުން މެމްބަރުން ވަނީ މާލީ ބަޔާން ހުށަހަޅުއްވާފައެވެ. ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، (އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން) ހިމެނޭހެން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި މަޖިލީހުގެ ވެބްސަައިޓްގައި މެންބަރުންގެ މާލީ ބަޔާން ޝާއިއުކުރާއިރު، 18 އަހަރު ނުފުރޭ ދަރިންނާއި މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ ބައި ނުހިމަނާ އެ ޝާއިއުކުރަން ވާނެ ކަމަށް ބުނެފައިވެއެވެ.
މިގޮތުގެ މަތިން މެންބަރުން މާލީ ބަޔާން ހުށަހަޅުއްވާފައިވާއިރު، މާލީ ބަޔާން ހުށަނާޅުއްވަނީ ޖާބިރުގެ އިތުރުން މުލަކު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ނަސީރެވެ.
ޖާބިރު މާލީ ބަޔާން ހުށަނާޅުއްވާ އޮތުމުން މަޖިލީހުގެ ގަވާއިދުގެ 70 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މާލީ ބަޔާން 15 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް އެދި މަޖިލީހުގެ އިދާރާއިން ވަނީ ޖާބިރަށް ސިޓީ ފޮނުވާފައެވެ.
އެސިޓީއާއެކު ޑީއާރުޕީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ މާލީ ބަޔާން ހުށަހަޅުމަށް މަޖިލީހުގެ ގަވާއިދުގެ ތެރެއިން ލިބިދޭ 14 ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވާނެ ކަމަށެވެ. އަދި ބަޔާން ހުށަހެޅުން ލަސްވީ ބޭނުންވާ ބައެއް މައުލޫމާތުތައް ހޯދުމުގައި ކޮވިޑް-19 އާ ގުޅިގެން ދަތިތަކެއް ހުރުމުން ކަމަށްވެސް ވަނީ ބުނެފައެވެ.