ދ. ކުޑަހުވަދޫއަށް އެތެރެކުރި މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިތަކެތި ހޯދާފައިވަނީ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ވަނީ މާލެއިން ކުޑަހުވަދޫއަށް އައި ބޯޓެއް ބަލާފާސްކޮށްފައެވެ.
މި ބޯޓުން ފެނުނު ފޮށިގަނޑެއް ބަލާފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްްޗެއް ހުރި ފިލްމު ހުސްކުރި ތިން ދަޅުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅުތަކެއް ވަނީ ފެނިފައެވެ.
ފުލުހުން ބުނީ މިމައްސަލަ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕަރޓްމަންޓާއި އިންޓަލިޖެންސުން ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ ފައިސާ ފުލުހުން ދަނީ ހޯދަމުންނެވެ. އެގޮތުން ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެމީހަކުވެސް ހައްޔަރުކޮށްފައެވެ. އަދި ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ވަނީ މި އޮޕަރޭޝަންގައި ހޯދާފައެވެ.