ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގައި އެހެން މަސައްކަތް ނުކުރަން ކައުންސިލުން އަންގައިފިއެވެ.
އަންގާރަ ދުވަހު ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނީ، ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ބިންތަކަކީ ވަގުތީ ގޮތުން ދޫކޮށްފައިވާ ދަނޑުބިންތަކެއް ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކުން ދަނޑުބިންތަކުގައި އިންވަކި ކުރުމުގެ ގޮތުން ފާރުރޭނުމާއި، ފެންސްޖެހުން އަދި ތަނބު ޖެހުން ފަދަ މަސައްކަތް ނުކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން ދަނޑުބިމުގެ ތެރޭގައި ފަތްކެޔޮގަސްތައް އިންދުމަށް ބޮޑެތި ވަޅުތައް ނުކޮނުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.
ކައުންސިލްގެ ހުއްދަ ހޯދުމެއްނެތި ދަނޑު ބިންތަކުގައި އެ މަސައްކަތްތައް ކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ފުވައްމުލަކު ކައުންސިލުން ބުންޏެވެ. ފުވައްމުލަކުގައި މައިގަނޑު ގޮތެއްގައި ހައްދާ އުޅޭނީ އޮޅުއަލައެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތާއި ގުޅިގެން ދަނޑުވެރިކަން އިތުރަށް ފުޅާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބިމުގެ ޖާގަ ހުރި ރަށްރަށުން ކުއްޔަކާ ނުލައި ތިން އަހަރުގެ މުއްދަތަށް ދަނޑުވެރިކަމަށް ބިން ދޫކުރަން ވަނީ ފަށާފައެވެ. ބިންތައް ދޫކުރަމުން ދަނީ ކަނޑައަޅާފައިވާ ހާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ. އަދި އޭގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި މަގްސަދުގައި ސަރުކާރުން ވަނީ އެގްރޯ ނެޝެނަލް ކޯޕަރޭޝަންގެ ނަމުގައިވެސް ކުންފުންޏެއް އުފައްދާފައެވެ.