ގދ. ހޯނޑެއްދޫ އިން ކޮވިޑް-19އަށް ޕޮޒިޓިވްވި ހައި ރިސްކު ދެމަފިރިންނަށް ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ރާއްޖޭގެ ރަށްތަކުގައި ކޮވިޑު ފެތުރުން އާންމުވެ، ބަލިޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އެގޮތުން ގދ. ހޯނޑެއްދޫ އިން ވަނީ މިހާތަނަށް 33 މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކޮށްފައެވެ.
ނަމަވެސް އެ ރަށުން މިހާތަނަށް 111 ކޮންޓެކްޓް ފެނިފައިވާއިރު، އޭގެ ތެރެއިން 60 މީހުންގެ ގައިން ބަލީގެ އަލާމާތްތަައް ފެނިފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންގާރަ ދުވަހުގެރޭ އިރުއޮއްސި 18:30 ހާއިރު ހޯނޑެއްދޫއިން އުމުރުން ދުވަސްވީ އަންހެނަކު ނޭވާލުމަށް އުނދަގޫ ވެގެން ވަނީ ޓެސްޓު ކޮށްފައެވެ. އަދި އެމީހާގެ ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވުމާއެކު 20:20 ހާއިރު ވަނީ ވިލިނގިލީ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފައެވެ. މި ދެމަފިރިންވެސް ގެންގޮސްފައިވަނީ ނޭވާލުމަށް އުނދަގޫ ވާތީ އޮކްސިޖަން ގުޅައިގެންނެވެ.
ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފް އަހުމަދު ވެސް ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރު ކޮށްދެއްވާފައެވެ.
ހޯނޑެއްދޫއިން ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެމަފިރިންނާއެކު މިހާރު ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 4 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެއީ މި މަހުގެ 2 ވަނަ ދުވަހު ދާންދޫއިން ޕޮޒިޓިވް ވެގެން ގެންދިޔަ ދެމައިންނާ ވެސް އެކުގައެވެ.
ވިލިނގިލީގައި އެސަރަހައްދަށް ހާއްސަކޮށްގެން ސަރުކާރުން ކޮވިޑް ފެސިލިޓީއެއް ހަދާފައިވާއިރު، އެރަށުން ވެސް ވަނީ ހޯމް ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ 21:00 ގައި އެމީހާ ރިލީޒް ކޮށްފައިވާ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.