ދިވެހިރާއްޖެއާ ޕާކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި މެދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.
އަންގާރަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ވަނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމާއި ވައިސް އެޑްމިރަލް (ރިޓަޔަރޑް) އަތާރް މުޚްތާރް ހަވާލުވެ ވަޑައިގަންނަވާފައިވާތީ އެ ކަމަށް އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ގައުމުގެ ދެމެދުގައި ބަދަހިވަމުންދާ ގާތް ގުޅުމަށް އަލިއަޅުއްވާލައްވާ ނައިބް ރައީސް ވަނީ، މިކަމުގެ ހަގީގަތަކީ ދެ ގައުމަށް ވެސް ފައިދާވާ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމާއި، ދެ ގައުމުގައި ވެސް އެއްގޮތް ސަގާފަތެއް އޮތްކަން ފާހަގަ ކުރައްވާފައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުމުގައި ނައިބް ރައީސް ފައިސަލްއާ ޕާކިސްތާނުގެ ސަފީރު ވަނީ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހި ކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމާއި މެދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ހަމަ އެއާއެކު، ދެ ގައުމުގެ ދެމެދުގައި ދޭދޭ ގުޅުން ބަދަހިކޮށް، ތައުލީމާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ އިން ގުޅުން ބަދަހި ކުރުމާއި، މީގެ އިތުރުން ވެސް އިތުރު ދާއިރާތަކުން ގުޅުންތައް ހަރުދަނާ ކުރަން މަސައްކަތް ކުރުމާ މެދު ދެ ބޭފުޅުން ވެސް ވާހަކަ ދެއްކެވި ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި، ޕާކިސްތާނުގެ ސަފީރު ވަނީ އެ ގައުމުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އަށް ހެޔޮއެދުންތައް އަރިސް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ނައިބް ރައީސް ފައިސަލް ވަނީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން އަމަލު ކުރަމުންދާ އުސޫލުތަކަށް ތައުރީފު ކުރައްވާ، މި ހާލަތުގައި ޕާކިސްތާނުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވާ އެކަމަށް ވެސް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި، ޕާކިސްތާނުގެ ސަފީރު ވަނީ މިހާލަތުން އަވަހަށް އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ރާއްޖޭގެ އިގުތިސާދު، ވަކިން ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއެރުމަށް އުންމީދު ކުރައްވާކަން ފާހަގަ ކުރައްވާފައެވެ.